16 May 2016, 19:11
އިނގިރޭސި ޕްރިމިއާ ލީގްގެ ޗެލްސީ އަށް ކުޅެމުން އަންނަ ސްޕެއިން ފޯވާޑް ޑިއެގޯ ކޯސްޓާ ސީޒަން ނިންމާލުމަށްފަހު ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެއެވެ.
ކުޑަ ކަޅުވާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެންމެ ފަހުން ޗެލްސީ ކުޅުނު ދެ މެޗުގައި ވެސް ނުކުޅެ ހުރި ކޯސްޓާ ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ ހުރީ ކޮން ރިސޯޓެއްގައި ކަމެއް އަދި ރާއްޖޭގައި މަޑުކުރާނީ ކިތައް ދުވަހު ކަމެއް ވަނީ ކަށަވަރުވާ ގޮތް ނުވެފައެވެ.
ޗެލްސީގެ ފަރާތުން މި ސީޒަނުގައި ފެނުނު ދަށް ކުޅުމާއި އެކު އެ ޓީމް ލީގް ނިންމާލީ ތާވަލުގެ 10 ވަނާގައި 50 ޕޮއިންޓާއި އެކުއެވެ. ކޯސްޓާގެ ފަރާތުން ވެސް މާއެދެވޭ ކުޅުމެއް ފެނިފައި ނުވާ އިރު މި ސީޒަނުގައި ޗެލްސީއަށް ކުޅުނު 28 މެޗިގައި އޭނާ އަށް ކާމިޔާބް ކުރެވިފައި ވަނީ 16 ގޯލެވެ.
ކުރިއަށް އޮތް ޔޫރޯއަށް ޓީމްތަކުގެ ސްކޮޑް އެކުލަވާލައި ފަރިތަކުރުންތައް ވެސް ފަށާފައިވާ މި ދަނޑިވަޅު ޗުއްޓީއަށް ކޯސްޓާ ރާއްޖެ އައުމުން ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ސަރަފުވެރު މުބާރާތުން އޭނާ ފެނުމާއި ދޭތެރޭ މިހާރު ވަނީ ސުވާލު އުފެދިފައެވެ.