ފ. ނިލަންދޫގެ ގެއެއްގައި އެއާކޯނެއް ހަރުކުރަން އުޅުމުގެ ތެރޭގައި މީހަކު ވެއްޓި ދެއަތް ބިންދައިގެންގޮސް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

ފ. އަތޮޅު ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތު އޮފިސަރު އަހުމަދު ނާޒިމް "ސަން"އަށް ވިދާޅުވީ ނިލަންދޫ ވައިޖެހޭ ގޭގައި އޭސީއެއް ހަރުކުރަން އުޅެނިކޮށް ވެއްޓިފައި ވަނީ 40 އަހަރުން މަތީގެ ފިރިހެނެއް ކަމަށެވެ.

"ހަރުގަނޑަކަށް އަރައިގެން އޭސީ ހަރުކުރަން އުޅެނިކޮށް އޮފް ބެލޭންސް ވެގެން ވެއްޓުނީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެ ހާދިސާގައި އެމީހާއަށް ބޭރުފުށުން ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، ކަނައަތް ބިންދައިގެން ގޮސް، ވައަތުގެ ކުޑަހުޅު ކައިރިން ބިންދައިގެން ގޮސްފައިވާ ކަމަށެވެ. މޫނާއި ކޯތާފަތުގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަން ދުޅަވެފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ތަދުވާތީ އޭނަ އުޅެނީ. އެމީހާގެ ހާލު މިހާރު ރަނގަޅު،" ނާޒިމް ވިދާޅުވި އެވެ.

އެ ހޮސްޕިޓަލްގައި ކަށީގެ ޑޮކްޓަރެއް ނެތުމުން އެ މީހާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.