16 May 2016, 17:43
މަސްމާރުކޭޓުގައި މަސްކަނޑަން ހާއްސަކޮށްފައިވާ އަށިތަކު ކައިރީގައި ދަތްއުނގުޅައި ފެންވަރާ މައްސަލަ ހެލްތް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މަސްކަނޑާ އަށިތައް ހުންނަ ސަރަހައްދުގައި މީހަކު ދަތް އުގުޅުމަށްފަހު މާރުކޭޓު ފެން ހިންދުމަށް ހަދާފައިވާ ވަޅުގަނޑަށް ކުޅު ޖަހާމަންޒަރެވެ. އޭނާ އެތަނަށް ކުޅުޖަހާއިރު އެއީ މަސްކަނޑާ އައްޓެވެ. އަދި ގައިގައި ސައިބޯނިލައިގެން މީހަކު ފެންވަރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މައްސަލަ ބަލާ ނިމުމާއެކު ފިޔަވަޅުއަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ސޯޓު ލައިގެން ތިބި ދެތިން މީހަކު އެ އަށިތައް ކައިރި ހަރަކާތްތެރިވާތަން ފެނެއެވެ. އެއީ މަސްކަނޑާ މީހުންކަމަށް ބެލެވެ އެވެ.
މާރުކޭޓުގައި ސާފުތާހިރުކަން ކުޑަ މައްސަލަ މީގެ ކުރިން ވެސް "ސަން"އިން ވާނީ އާންމުންގެ ސަމާލު ކަމަށް ގެނެސްފަ އެވެ. މާރުކޭޓުގައި ވިއްކާ މަސް ބަހައްޓަން އަށިތަކެއް ހަދާފައި ހުރި ނަމަވެސް މީހުންހިނގާ ސަރަހައްދުގައި ކިލާ ތަކާއެކު މަސްވިއްކަން ބަހައްޓާފައި ހުންނަކަން ފާހަގަކުރެވެއެވެ.