މާޝަލް އާޓްސްގެ ވައްތަރެއްކަމަށްވާ ކުންފޫގެ ހަރަކާތްތަކެއް ދައްކާލަން ޗައިނާގެ ޝޯލިންގް ކުންފޫގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ. އެ ޓީމުގެ އެހެން ބައިވެރިން އަންނަ ބުދަ ދުވަހު ރާއްޖެއައުމަށް ހަމަޖެހިފައިވާއިރު މިއީ ޝޯލިންގް ކުންފޫއިން ރާއްޖޭގައި އެ މީހުންގެ ހަރާކާތްތަކެއް ދައްކާލާ ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން ރަސްމީކޮށް އިފްތިތާހުކުރުމަށް މިމަހުގެ 18 ވަނަ ދުހުވަހުގެ ރޭ ބިިލަބޮންގް ހައި ސުކޫލުގައި ބާއްވާ ހާއްސަ ހަފްލާގައި ޝޯލިންގް ކުންފޫގެ ހަރަކާތްތަށް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮގަނައިޒޭޝަނުން ބުނެ އެވެ.

އެ ހަރަކާތްތަކާ ބެހޭ ގޮތުން 'ސަން'އާ ވާހަކަ ދައްކަމުން މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަންގެ ނައިބު ރައީސް މިދުއަމް ސައުދު ވިދާޅުވީ ކަނޑީ އާއި ކުންފޫގެ އެކި އާލާތްތަަށް ބޭނުންކޮށްގެން ކުންފޫގެ ފަރި ހަރަކާތްތަކެއް އެ ހަފްލާގައި ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޓީމުގެ ލީޑަރާއެކު 15 މެމްބަރުންގެ ޓީމެއް ރާއްޖެއައުމަށް ހަމަޖެހިފައިވާއިރު މިއަދު ހެނދުނު އެ ޓީމުގެ އެންމެ ޒުވާން ދެ މެމްބަރުން ރާއްޖެ އައިސްފައިވާ ކަމަށް މިދުއަމް ވިދާޅުވި އެވެ.

ޝޯލިންގް ކުންފޫއިން ރާއްޖޭގައި ހަރަކާތްތައް ދައްކާލާ ޓީމުގެ އެންމެ ޒުވާން ދެ މެމްބަރުން ހުޅުމާލޭ ބީޗުގައި -- ޗައިނާ ކަލްޗަރަލް އޮގަނައިޒޭޝަން

މީގެ ކުރިން މިދުއަމް ވަނީ ޗައިނާއަށް ގޮސް ޝޯލިންގް ކުންފޫގެ މެމްބަރުންނާ ބައްދަލުކޮށްފަ އެވެ. މިދުއަމް ވިދާޅުވީ ޝޯލިންގް ކުންފޫއަކީ ކުންފޫގެ ހަރަކާތްތަށް ދައްކާލުމަށް ޗައިނާގައި މިހާރު ހަރަކާތްތެރިވާ އެންމެ މަޝްހޫރު އަދި ކުޅަދާނަ އެކަޑަމީ ކަމަށެވެ.

މިމަހުގެ 18 ވަނަ ދުވަހު މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން ރަސްމީކޮށް އިފްތިތާހުކުރުމުގެ ހަފްލާގައި ޝޯލިންގް ކުންފޫ ޕާފޯމް ކުރި ނަމަވެސް އެއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތެއް ނޫނެވެ. މިދުއަމް ވިދާޅުވީ ޝޯލިންގް ކުންފޫގެ ހަރަކާތްތައް ދައްކާލުމަށް އާންމުންނަށް ހުޅުވާލައިގެން ޝޯއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް އެކަން އޮންނާނެ ވަކި ދުވަހެއް މިދުއަމް ވިދާޅެއް ނުވެ އެވެ.

ވޭތުވެދިޔަ އަހަރު ރެޖިސްޓްރީ ކުރި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން ރަސްމީކޮށް އިފްތިތާހު ކުރުން ފަސްކޮށްފައި ވަނީ ބޮޑު ހަފްލާއަކާ އެކު ބޭއްވުމަށް ކަމަށް މިދުއަމް ވިދާޅުވި އެވެ. މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން އަކީ ރާއްޖޭގައި ރެޖިސްޓްރީ ކުރި ފުރަމަ ޗައިނާ އޮގަނައިޒޭޝަނެވެ.