16 May 2016, 18:14
ކުރިއަށް އޮތް ރަމަޟާން މަހު އަތޮޅު ތެރެއަށް ފިޔާ އަދި އަލުވި ފަދަ ބާވަތްތައް ލިބުމުގައި ދައްޗެއް ކުރިމަތި ނުވާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ފުޑް އެންޑް ބެވެރެޖެސް ފާތިމަތި އާޝާން ވިދާޅުވީ، ރޯދަ މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ގެންނަ ފިޔާ، އަލުވި އަދި ބިސް ޝިޕްމެންޓުތަކުގެ ފުރަތަމަ ޝިޕްމެންޓް މިއަދު ހެނދުނު ގެނެސްފައިވާ ކަމަށެވެ.
އާޝާން ވިދާޅުވީ، އެތަކެއްޗަށް މާ ބޮޑު ޑިމާންޑެއް މިއަދު ނެތް ނަމަވެސް، ރޯދަ މަސް ގާތްވާ ވަރަކަށް، އެތަކެތީގެ ޑިމާންޑު ބޮޑުވާނެ ކަމަށާއި ރޯދަ މަސް ފެށުމުގެ ހަފްތާއެއް ނުވަތަ 10 ދުވަސް ކުރިން އިތުރު ޝިޕްމެންޓެއް ވެސް ގެންނާނެ ކަމަށެވެ.
ޑިމާންޑު ހުރި ގޮތަށް ބަލާފައި، ރޯދަ މަހުގެ ތެރޭގައި ވެސް އިތުރު ޝިޕްމެންޓުތަކެއް ގެންނާނެ ކަމަށް އާޝާން ވިދާޅުވި އެވެ.
އެސްީޓއޯއިން ބުނީ، އެތަކެތި އެސްޓީއޯގެ 13 ރީޖަނަލް އައުޓްލެޓުން ވެސް ވިއްކަން ހުންނާނެ ކަމަށެވެ.
މީގެ އިތުރުން، އާޝާން ވިދާޅުވީ މި ތަކެތީގެ ޝިޕްމެންޓުތަކެއް އައްޑޫ ސިޓީއަށް ވެސް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
"މި މަސް ނިމުމުގެ ކުރިން އައްޑޫއަށް ވެސް ޑައިރެކްޓް ޝިޕްމެންޓެއް އަންނާނެ. ގަބޫލެއް ނުކުރަން އަތޮޅު ތެރެއަށް ޕެރިޝަބަލްސްގެ ދައްޗެއް އަންނާނެ ކަމަކަށް،" އާޝާން ވިދާޅުވި އެވެ.
އެސްޓީއޯއިން މިއަދު ގެނައި ފިޔާ، އަލުވި އަދި ބިސް ޝިޕްމެންޓު މިހާރު ވިއްކަން ފަށާފައިވެ އެވެ.
އެސްޓީއޯގެ އަގުތައް
ފިޔާ ބަސްތާއެއް 160 ރުފިޔާއަށް
- އަލުވި ބަސްތާއެއް 250 ރުފިޔާއަށް
- ބިސް ކޭހެއް 275 ރުފިޔާއަށް
އެސްޓީއޯއިން ގެނައި ޝިޕްމެންޓުން ތަކެތި ވިއްކުން، އެސްޓީއޯގެ ހަ ނަމްބަރު ކޮށިން ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން މެންދުރު 12:00 އަދި މެންދުރު 1:30 އިން 3:00 އަށް، އަދި ރަމަޟާން މަހު އެސްޓީއޯ ކޮށިން ތަކެތި ވިއްކާނީ ހެނދުނު 10:00 އިން މެންދުރު 2:00 އަށެވެ.