ކޮމާޝަލް ބޭންކެއްގެ ގޮތުގައި ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ އިތުރު ބޭންކަކަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ)އިން ދީފި އެވެ.

އަށް ވަނަ ކޮމާޝަލް ބޭންކުގެ ގޮތުގައި ހުއްދަ ދީފައި ވަނީ "ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"އަށެވެ.

އެ ބޭންކުގެ 45 ޕަސެންޓް ހިއްސާދާރުންނަކީ ޓްރީޓޮޕްގެ ހިއްސާދާރުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ޗަމްޕާ އާއިލާގެ ބޭފުޅުން ހިމެނެ އެވެ. އެ ބޭންކުގެ 55 ޕަސެންޓް ހިއްސާވަނީ ސްރީ ލަންކާގެ ބޭންކެއް ކަމަށްވާ ކޮމާޝަލް ބޭންކް އޮފް ސިލޯނެވެ.

އެމްއެމްއޭ އިން ބުނީ އެ ބޭންކުން ކޮމާޝިއަލް ބެންކަކުން ދޭ ހުރިހާ ހިދުމަތެއް ދެވިގެންދާނެ ކަމަށެވެ. އެ ބޭންކުގެ ހިދުމަތް މިއަހަރު ސެޕްޓެމްބަރު މަހުގެ 15ގެ ނިޔަލަށް ފެށޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ދެކޭ ގޮތުގައި އެ ބޭންކު ހުޅުވިގެން ދިއުމަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމަށާއި އެ ދާއިރާގެ ވާދަވެރިކަން އިތުރިކުރުމަށް ލިބޭ ކުރި އެރުމެކެވެ.