ބ. ތުޅާދޫ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައިވާތީ، އެ ރަށު ކައުންސިލްގެ އިދާރާއަށް ބަޔަކު ވަދެ ނުރުހުން ފާޅުކޮށްފި އެވެ.

އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީ ގޮތުން މާޗް މަހު މަހުގެ ކުރީކޮޅު ފެށުމަށްފަހު މިދިޔަ ހޯމަދުވަހު އެ މަސައްކަތް ހުއްޓާލީ ކައުންސިލްގެ އިދާރާގެ އެންގުމުގެ މަތިން ރައްޔިތުންގެ ނުރުހުމުގައި ކަމަށް އެ ރަށުން ވާހަކަދެއްކި ބައެއް މީހުން މިއަދު ބުންޏެވެ.

"ބަނދަރުގެ މަސައްކަތް އަވަސް ގޮތެއްގައި ފަށައި މިހާރުން މިހާރަށް މަސައްކަތް ކުރުމަށް ކައުންސިލަށް މިގޮވާލަނީ. މަސައްކަތް ހުއްޓުވި ގޮތަކަށް މަސައްކަތް ފެށޭނެ،" ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓުވުމުން ނުރުހުން ފާޅުކުރުމުގައި އަމަލީ ގޮތުން އުޅޭ ޒުވާނަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

ތުޅާދޫ ކައުންސިލްގެ އިދާރާއިން ބަދަރުގެ މަސައްކަތް ހުއްޓުވިކަމަށް ބުނެ އަލުން މަސައްކަތް ފަށަން ގޮވާލާ އަޑުއުފުލާ ފަރާތްތަކުން ވަނީ މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް އެ އިދާރާއަށް ވަދެ ނުރުހުން ފާޅުކޮށްފަ އެވެ. އެ ދުވަހު ފުލުހުންނާއި ކައުންސިލް އިދާރާގެ އެދުމުގެ މަތިން އެ މީހުން ދިޔަ ނަމަވެސް މިއަދު އަލުން ކައުންސިލް އިދާރާއަށް އެއްވެ ނުރުހުން ފާޅުކުރީ އެވެ.

އެމްޑިޕީގެ އަގުލަބިއްޔަތު އޮންނަ ތުޅާދޫ ކައުންސިލްގެ ރައީސް ރައީސް، އަހުމަދު ރަޝީދު މިއަދު ވިދާޅުވީ ތުޅާދޫ ކައުންސިލަރުން ނިކުމެ ބަނދަރުގެ މަސައްކަތް ހުއްޓުވާފައި ނުވާނެ ކަމަށާއި ބަނދަރާއި ގުޅުންހުރި މައްސަލަތަކެއްގައި ސަރުކާރާއެކު ވާހަކަތަކެއް ދެކެވެމުންދާތީ މަސައްކަތް މެދުކެޑިފައި އޮތީ ކަމަށެވެ.
"ހޯމަދުވަހުގެ ވަގުތެއްގައި ގާތްގަނޑަކަށް އެއް ގަޑިއިރަށް ބަނދަރުގެ މަސައްކަތް ކުރަމުންދާ ފަރާތަކަށް އެ މަސައްކަތް މެދުކަނޑާލުމަށް އެންގިން،" އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލްގެ ރައީސް ރަޝީދު ވިދާޅުވި އެވެ.

ތުޅާދޫގައި ބަދަރެއް ނެތި އޮތުމަށް ފަހު ފުރަތަމަ ފަހަރަށް އެ ރަށުގައި ހަދަނީ 700 ފޫޓުގެ ބަނދަރަކެވެ. ނަމަވެސް ފަހުން ރައްޔިތުންގެ އެދުމުގެ މަތިން ތުޅާދޫ ބަނދަރުގެ ދިގުމިނަށް 500 ފޫޓް ވަނީ ސަރުކާރުން އިތުރުކޮށްދީފަ އެވެ.

ތުޅާދޫ ބަނދަރު ބަނދަރު ހަދަން ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަރލެންޑްގެ ބޮސްކާލިސްގެ ސަބް ކޮންޓްރެކްޓަރު ޑެންމާކުގެ ހޯގާޑާ އެވެ. އެއީ 16 މަސް ތެރޭގައި ނިންމާށެވެ.