ކުރިއަށް އޮތް ޔޫރަޕްގެ ފުޓްބޯޅައިގެ ޢީދު ކަމަށްވާ "ޔުއެފާ ޔޫރޯ 2016" އާ ގުޅުވައިގެން ކޮކާ ކޯލާ ކުންފުނިން ރާއްޖޭގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންތަކުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ ގްރޫޕްގެ ސަން އޮންލައިން ހަމަޖައްސައިފިއެވެ.

ކޮކާކޯލާއިން ރާއްޖޭގައި ކުރިއަށް ގެންދާ ޔޫރޯ ޕްރޮމޯޝަންގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސުމާ ގުޅޭ ގޮތުން، ރާއްޖޭގެ ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރ މިލިންދް ދެރާސަރީ ވިދާޅުވީ ސަން އަކީ މިހާރު ރާއްޖޭގެ އެންމެ މަގުބޫލު އަދި އިތުބާރު ހިފޭ މީޑިއާ ކަމަށާއި ކޮކާކޯލާއާ ސަންއާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ.

"ސަން އޮންލައިނަކީ އެންމެ މަގުބޫލު އަދި އެންމެ ގިނަދުވަސްވީ ޕާޓްނަރު. ކޮކާކޯލާއާ ސަން އޮންލައިނާ ދެމެދު ވަނީ ދުވަސްވީ ވަރަށް ގާތް ގުޅުމެއް އުފެދިފައި،" މިލިންދު ވިދާޅުވިއެވެ.

ރާއްޖޭގެ ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރ މިލިންދް ދެރާސަރީ ----- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި އިވެންޓްތަކާ ގުޅިގެން އަބަދުވެސް ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާ، އަދި ޔޫރޯ 2016ގެ އޮފިޝަލް ސްޕޮންސަރެއް ކަމަށްވާ ކޮކާ-ކޯލާއިން މިހާރުވެސް އަންނަނީ ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔޫރޯއާ ގުޅުވައިގެން ތަފާތު ޕްރޮމޯޝަންތައް ބާއްވަމުންނެވެ.

އެގޮތުން، އޭޕްރީލް 16އިން ފެށިގެން މޭ 29 ވަނަ ދުވަހާ ހަމައަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަނުގައި އެތަކެއް އިނާމުތަކެއް ދެވޭ އިރު، އެންމެ ޚާއްސަ އިނާމަކީ ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް، ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗެއް ބަލައިލުމަށް ފްރާންސަށް ދިއުމަށް ދެމީހަކަށް ދެވޭ ދެކޮޅު ޓިކެޓެވެ. ނަސީބުވެރި ހަ ފަރާތަކަށް، ދެމީހެއްގެ ދެކޮޅު ޓިކެޓު ލިބެ އެވެ. މި ދަތުރުގެ ހުރިހާ ޚަރަދެއް ދެނީ ކޮކާކޯލާގެ ފަރާތުންނެވެ.

ޔޫރޯ ފުޓްބޯޅަ މެޗެއް ބަލައިލުމަށް ޖުމްލަ 12 މީހަކަށް ފްރާންސަށް ދެވޭ އިރު، މި 12 މީހުންނަށް ބަލައިލުމުގެ ފުރުސަތު ލިބެނީ 38 ވަނަ މެޗެވެ. މި މެޗަކީ، 25 ޖޫންގައި ކުޅެވޭ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ މެޗެވެ.

މިލިންދު ވިދާޅުވީ، ޕެރިސް ދަތުރު ލިބޭ 12 މީހުންނަށް ދެނީ ހަމައެކަނި މެޗު ބަލައިލުމުގެ ފުރުސަތު ނޫންކަމަށާއި، އެ ދަތުރަކީ އެ ނަސީބުވެރީންނަށް ކޮކާކޯލާގެ ފަރާތުންދޭ ހާއްސަ ޗުއްޓީ ދަތުރެއް ކަމަށެވެ.

ޕެރިސް ދަތުރު ލިބުނު ފަރާތަކަށް އިނާމު ހަވާލުކޮށްދެއްވަނީ ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އެފަރާތްތަކަށް އައިފެލް ޓަވަރ ބަލައިލުމުގެ ފުރުސަތު ދެވޭނެ، އަދި ސިޓީ ޓުއައެއް ލިބޭނެ. އަދި ބޯޓް ކްރޫޒްއަކަށް ވެސް ގެންދިއުމުގެ މަސައްކަތް ކުރަމުން މިދަނީ،" ޕެރިސް ދަތުރާ ބެހޭގޮތުން މިލިންދު ވިދާޅުވިއެވެ.

ޔޫރޯ މެޗެއް ބަލައިލުމަށް ދެވޭ ޕެރިސް ދަތުރުގެ އިތުރުން ކޮކާކޯލާ އިން ދޭ އިނާމުތަކުގެ ތެރޭގައި، ޔޫރޯ 2016 ގެ ލޭބަލް ޖެހި ކޯކު ފުޅިތަކުގެ ހުދު މަތިގަނޑުގެ ދަށުގައިވާ ޚާއްސަ ކޯޑު 2626 އަށް އެސްއެމްއެސް ކޮށްގެން ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރިއަކަށް، ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗުތައް ކުޅޭ އޮރިޖިނަލް ފުޓުބޯޅައާއި އެނޫންވެސް ތަފާތު އަގުހުރި އިނާމުތައް ހިމެނެއެވެ.

ވޭތުވެ ދިޔަ 25 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކޮކާކޯލާއިން ވަނީ ރާއްޖޭގައި ތަފާތު ހަރާކާތްތައް ހިންގައި، އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެކިފަރާތްތަކަށް ތަފާތު އެހީތެރިކަން ފޯރުކޮށްދީފައެވެ.