16 May 2016, 16:35
ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯ އިން ރާއްޖެ ގެންނަ ފިޔާ، އަލުވި އަދި ބިހުގެ ފުރަތަމަ ޝިޕްމެންޓް މިއަދު ހެނދުނު ގެނެސްފި އެވެ.
އެސްޓީއޯގެ ޖެނެރަލް މެނޭޖާ އޮފް ފުޑް އެންޑް ބެވެރެޖެސް ފާތިމަތު އާޝާން މިއަދު ވިދާޅުވީ، ފުރަތަމަ ރޯދަ ޝިޕްމެންޓް މިއަދު ގެނެސްފައިވާ އިރު، އެ ޝިޕްމެންޓުގައި ގެނައި ތަކެތި ބާޒާރުގައި މިހާރު ހުރި އަގަށް ވުރެ ހެޔޮ އަގުގައި އެސްޓީއޯ އިން ވިއްކަމުން ދާނެ ކަމަށެވެ.
އެސްޓީއޯގެ އަގުތައް
ފިޔާ ބަސްތާއެއް 160 ރުފިޔާއަށް
- އަލުވި ބަސްތާއެއް 250 ރުފިޔާއަށް
- ބިސް ކޭހެއް 275 ރުފިޔާއަށް
އާޝާން ވިދާޅުވީ، އެ ތަކެތީގެ އަގުތައް ކަނޑައަޅާފައި ވަނީ މިވަގުތު ބާޒާރުގައި އެތަކެތީގެ އަގުތައް ބަލާފައި ކަމަށެވެ.
"މިއަދު ބާޒާރުގައި ފިޔާ ވިއްކަން ހުރީ 160 ރުފިޔާ އަށް ވުރެ ދަށް ކޮށެއް ނޫން. އަލުވި އަދި ބިސް ކޭސްތައް ވެސް ހުރީ މިއަށް ވުރެ މަތީ އަގުތަކުގައި،" އާޝާން ވިދާޅުވި އެވެ.

އެސްޓީއޯގެ އެފް އެން ބީ ޖެނެރަލް މެނޭޖާ ފާތިމަތު އާޝާން -- ފޮޓޯ/އެސްޓީއޯ
"ވިސްނާލަން ޖެހޭނެ މޫސުން ވެސް އޮތީ ވަރަށް ގޯސްކޮށް، މުދާ ގެންނަ އިރު އަގަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު ވެސް އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރާނަން އަގުތައް އެއްވަރެއްގައި ހިފެހެއްޓޭތޯ،" އާޝާން ވިދާޅުވި އެވެ.
އާޝާން ވިދާޅުވީ، އެސްޓީއޯ އިން ގެނައި ޝިޕްމެންޓުން ތަކެތި ވިއްކުން، އެސްޓީއޯގެ ހަ ނަމްބަރު ކޮށިން ކުރިޔަށް ދާނެ ކަމަށާއި އެތަނުން ތަކެތި ވިއްކާނީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އަދި މެންދުރު 1:30 އިން 3:00 އަށް ކަމަށެވެ.
އަދި ރަމަޟާން މަހު އެސްޓީއޯ ކޮށިން ތަކެތި ވިއްކާނީ ހެނދުނު 10:00 އިން މެންދުރު 2:00 އަށް ކަމަށް ވެސް އާޝާން ވިދާޅުވި އެވެ.
މި ތަކެތީގެ އިތުރުން، ކޮންޑެންސްޑް މިލްކް ނުވަތަ ގެރި ކިރު ދަޅާ، ސަންފްލާވާ އޮއިލް އަދި ކޯން އޮއިލްވެސް ރޯދައަށް ޚާއްސަކޮށްގެން ގެނެސްފައިވާ ކަމަށް އާޝާން ވިދާޅުވި އެވެ.