16 May 2016, 16:10
ހދ. ކުޅުއްދުއްފުށީ ވައިފިލާގެ މަރިޔަމް އަހުމަދުގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ހެންވޭރު ނޫފަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ނަމަށް ބަދަލުކުރުމަށް ފަހު، ރައީސް ޔާމީންގެ މިލްކުވެރިކަމުގައި އޮތް ގަލޮޅު ދޫވެހި މަރިޔަމް އަހުމަދުގެ ނަމަށް ބަދަލުކޮށްފި އެވެ.
އެ ދެގޭގެ މިލްކުވެރިކަން ބަދަލުކޮށް ސިވިލް ކޯޓުން މި މަހުގެ 11 ވަނަ ދުވަހު ހުކުމް ކުރީ އަގުމަގު ކުރުމެއް ނެތި ލާޖައްސައި ހައުސިންގް މިނިސްޓްރީ އިން ނިންމާފައިވާ ނިންމުން ސައްހަ ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

ރައީސް ޔާމީނަށް އަލަށް ލިބިވަޑައިގަތް ގެކޮޅު ---- ސަން ފޮޓޯ: މުޙައްމަދު އަފްރާހް
އެ ދެގޭގެ މިލްކުވެރިކަން ބަދަލުކޮށް ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ބޮޑުތަކުރުފާނުމަގު، ޗީބޯގެ އަނެއް ކަންމައްޗަށްވާ ގޮތަށް އޮންނަ ހެންވޭރު ނޫފަރު ގޯތީގެ 2969 އަކަފޫޓުގެ ބިމާއި އެ ބިމުގައި ހުރި ތަންތަނާއި ނުއުފުލޭ މުދާ މއ. ކާމީނީ ހުޅަގުގޭ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބި، މިލްކުވެރިކަން ބަދަލުވީ ކަމަށެވެ.
ކުޅުއްދުއްފުށީ ވައިފިލާގެ މަރިޔަމް އަހުމަދަށް ގަލޮޅު ދޫވެހީގެ 2000 އަކަފޫޓުގެ ބިމާއި ބިމުގައި ހުރި ތަންތަނާއި ނުއުފުލޭ މުދާ ސިވިލް ކޯޓުން ވަނީ މިލްކުކޮށް ދީފަ އެވެ.