16 May 2016, 15:30
ގދ. ހޯނޑެއްދޫ ސްކޫލުގައި ފަސް ކްލާސްރޫމާއި ސުޕަވައިޒަރުންގެ ރޫމެއްގެ އިމާރާތުގެ މަސައްކަތް ކުރުމަށާއި، އެ އަތޮޅު ގައްދޫގައި ހުންނަ އަތޮޅު މަދަރުސާގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 12 ކުލާސްރޫމް ހިމެނޭ ތިން ބުރީގެ އިމާރާތުގެ މަސައްކަތް ކުރުމަށް އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި، އެ ދެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އަލީ އެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.

ގދ. އަތޮޅުގެ ދެ ސްކޫލެއްގެ ކްލާސްރޫމް އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ގުރޭޑު 10 އާއި ހަމައަށް ކިޔަވައިދޭ ދެ ސްކޫލުގެ މަސައްކަތް ކުރުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 20416957.81 މިލިއަން ރުފިޔާ އަށެވެ.
ގދ.އަތޮޅު މަދަރުސާގެ މަސައްކަތަށް 13،626،705.22 ރުފިޔާ ހަރަދު ވާއިރު، 300 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަން ވަނީ އެއްބަސްވެފަ އެވެ. ހޯނޑެއްދޫ ސްކޫލުގެ މަސައްކަތް ކުރުމަށް ދީފައި ވަނީ 240 ދުވަހެވެ. އެ މަސައްކަތް ކުރުމަށް އަމީން ކޮންސްޓްރަކްޝަނުން ހުށަހަޅާފައި ވަނީ 6،790،252.59 ރުފިޔާ އެވެ.
އެޑިއުކޭޝަން އިން ބުނީ ހޯނޑެއްދޫގައި އިމާރާތް ކުރާ ފަސް ކުލާސްރޫމާއި ސުޕަވައިޒަރުންގެ ރޫމުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ނިންމާލެވޭނެ ކަމަށާއި އަދި އަންނަ އަހަރުގެ ކިޔެވުން ފެށޭ އިރު އެ އިމާރާތުގެ ބޭނުން ކުރެވޭނެ ކަމަށެވެ.

ގދ. އަތޮޅުގެ ދެ ސްކޫލެއްގެ ކްލާސްރޫމް އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މިވަގުތު 252 ކުދިން ތައުލީމު ހާސިލު ކުރަމުންދާ ހޯނޑެއްދޫ ސްކޫލަކީ ހަތް ކުލާސްރޫމުގެ ސްކޫލެކެވެ.
ގދ.އަތޮޅު މަދަރުސާގެ 12 ކުލާސްރޫމް ހިމެނޭ ތިން ބުރީގެ އިމާރާތް ނިމޭނެކަމަށް ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅު އެވެ. އަދި އަންނަ އޭޕްރީލް މަހު އިމާރާތް ބޭނުންކުރަން ފެށޭނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
ގދ.އަތޮޅު މަދަރުސާ އަކީ މިހާރުވެސް 12 ކުލާސްރޫމުގެ ސްކޫލެކެވެ. އެ ސްކޫލުގައި ކިޔަވަމުން ދަނީ 303 ކުދިންނެވެ.