16 May 2016, 15:03
ޓެކްސް ފައިސާ ނުދެއްކުމުން ތިން ވަނަ ފަރާތެއް މެދުވެރިކޮށް އެކައުންޓް ފުރީޒްކޮށްގެން މީރާ އަށް ފައިސާ ނަގައިފި ނަމަ އިސްތިއުނާފު ކުރުމުގެ ހައްގު ނުލިބޭނެ ކަމަށް ހައިކޯޓުން ނިންމައިފި އެވެ.
ހައިކޯޓުން އެގޮތަށް ނިންމާފައި ވަނީ ޓެކްސް ނުދެއްކުމުން ބަނީ ހޯލްޑިންްގް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓް ފުރީޒުކޮށް މީރާ އިން ނެގި ޓެކްސް އާއި ޖޫރިމަނާއަށްވާ 247،953.53 ޑޮލަރު އަނބުރާ ދޭން ޓެކްސް އެޕީލް ޓްރިބިއުނަލުން އެންގި އެންގުން މީރާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ނިންމައި ކުރި ހުކުމުގަ އެވެ.
ހައި ކޯޓުން އެ މައްސަލަ ނިންމައި ކުރި ހުކުމުގައި ބުނެފައި ވަނީ މީރާގެ ނިންމުމަކާ މެދު އިއުތިރާޒު ކުރާ ނަމަ އެ ނިންމުމެއް އިސްތިއުނާފު ކުރުމުގެ ހައްގު އުފަން ވާނީ ޓެކްސްއާ ގުޅޭ ގޮތުން މީރާ އިން ކަނޑައެޅި އަދަދު މީރާ އަށް ދެއްކުމުން ކަމަށެވެ. އަދި މީރާގެ ފަރާތުން އެކައުންޓް ފުރީޒްކޮށް ޓެކްސްއަށްވާ ފައިސާ މީރާ އަށް ނެގުމުން އިސްތިއުނާފު ކުރުމުގެ ހައްގެއް ނުލިބޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޓެކްސް ދައްކަން ޖެހި ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ބޭންކް މެދުވެރިކޮށް ފުރީޒްކުރުމުގެ ބާރު މީރާ އަށް ލިބިގެންވެ އެވެ. އެ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޓެކްއާ ގުޅޭ ގޮތުން މީރާ އިން އަދަދެއް ކަނޑައަޅައިފި ނަމަ އެ ނިންމުން އެޕީލް ޓުރިބިއުނަލަށް ހުށަހެޅޭނީ އެ އަދަދު ދެއްކުމަށް ފަހު އެވެ.
ބަނީ ހޯލްޑިންްގް ޕްރައިވެޓް ލިމިޓެޑުން ޓެކްސް އެޕީލް ޓްރިބިއުނަލަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ކުންފުނީގެ ދަށުން ހިންގަމުންދާ ސޮނެވާފުށި ބައި ސިކްސެންސަސްއިން "ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ވިއްކާ މުދަލާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ" ދަށުން މީރާ އަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން މީރާ އިން އެކައުންޓްތައް ފުރީޒްކޮށް އެ ފައިސާ އާއި ޖޫރިމަނާ ކަނޑާފައިވާތީ އެވެ.
އެމައްސަލަ ބަލައި ޓެކްސް އެޕީލް ޓުރިބިއުނަލުން ކުރި ހުކުމުގައި ބުނެފައި ވަނީ މީރާގެ އެ ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށާއި އެކައުންޓްތައް ފުރީޒްކޮށް މީރާ އިން ނެގި ޓެކްސް އާއި ޖޫރިމަނާ ފައިސާއަކީ ނެގޭނެ ފައިސާއެއް ނޫން ކަމަށެވެ. އަދި މީރާ އިން ޓެކުހާއި ޖޫރިމަނާގެ ގޮތުގައި ނެގި 247،953.53 ޑޮލަރު ބަނީ ހޯލްޑިގްސް އަށް ދިނުމަށް ޓެކްސް އެޕީލް ޓްރިބިއުނަލުން ވަނީ އަންގައިފަ އެވެ.
މީރާގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ ޓެކްސް އެޕީލް ޓުރިބިއުނަލުން 2013 ވަނަ އަހަރު އެ މައްސަލަ ނިންމީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލަފާށް ކަމަށް ބުނެ އެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ބަނީ ހޯލްޑިންގްގެ ފަރާތުން އެ މައްސަލަ ޓެކްސް އެޕީލް ޓުރިބިއުނަލުގައި އިސްތިއުނާފުކޮށްފައި ވަނީ އިސްތިއުނާފު ކުރުމަށް ދީފައިވާ 30 ދުވަސް ހަމަވި ފަހުން ކަމަށެވެ. އަދި ޓެކްސް ނެގުމާ ބެހޭ ގާނޫނާ ހަވާލާދީ ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ 30 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފު ނުކޮށްފި ނަމަ އެނިންމުން ރައްދުވާ ފަރާތުން އެކަން ގަބޫލުކުރީ ކަމަށް ބެލެވޭނެ ކަމަށެވެ.
އެހާލަތުގައި އެ މައްސަލައާ މެދު ބަހުސް ކުރެވި އެކަމަށް އެހެން މަރުހަލާއެއްގައި ބަދަލުނުގެނެވޭނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ޓެކްސް އެޕީލް ޓުރިބިއުނަލުން 2013 ވަނަ އަހަރު މީރާ އިން ޓެކްއާއި ޖޫރިމަނާގެ ގޮތުގައި ނެގި 247،953.53 ޑޮލަރު ބަނީ ހޯލްޑިގްސް އަށް ދިނުމަށް އެންގި އެންގުމަކީ ބާތިލު އެންގުމެއް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދު އިސްފަނޑިޔާރުކަން ކުރެއްވި އެމައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު ޝުޖާއު އުސްމާނު އެވެ.