11 May 2011, 13:04
ލާމަރުކަޒީ ގާނޫނުގެ ބައެއް މާއްދާތަކާއި ނުކުތާތަކެއް ބާތިލު ކުރުމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް [މޮނާޒާ ނައީމް] ސުޕްރީމް ކޯޓަށް ހުށަހެޅުއްވި، މިފަދަ ދައުވާތައް ބަންޑާރަ ނައިބުގެ އޮފީހުން ދިފާއު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ ބަންޑާރަ ނައިބު އޮފީހުން އެ މައްސަލައިގެ ދިފާއުގައި މިއަދު ވަކާލާތެއް ނުކުރި އެވެ.
މޮނާޒާ ނައީމްގެ ފަރާތުން ހުށަހެޅުއްވި ދައުވާއާ މެދު އެއްޗެއް ބުނުމުގެ ފުރުސަތު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ދެއްވުމުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލު އަހުމަދު އުޝާމް ވިދާޅުވީ، ގާނޫނު އަސާސީގެ އަސާސީ ހައްގުތަތަކުގެ ބާބުގައި ބަޔާން ކުރާ ހައްގެއް ގާނޫނަކުން ހިފެހެއްޓޭ ހާލަތުގައި މެނުވީ ގާނޫނެއް، ގާނޫނު އަސާސީއާ ތައާރަޒްނުވާ ކަމަށް ދައުލަތުން ކޯޓުގައި ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީއާ ތައާރަޒްވާ ކަމަށް ބުނާ ލާމަރުކަޒީ ގާނޫނުގެ މާއްދާތައް، ގާނޫނު އަސާސީއާ ތައާރަޒްނުވާ ކަމަށް ދައުލަތުން ސާބިތުކޮށްދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
ބަންޑާރަ ނައިބު އޮފީހުން ބުނީ އެފަދަ މައްސަލަތަކުގެ ދިފާއުގައި ދައުލަތުން ވަކާލާތު ކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގެ ދިފާއުގައި ވާހަކަ ދެއްކުން ބަންޑާރަ ނައިބުގެ އޮފީހަށް ލާޒިމްނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ގާނޫނު އަސާސީއާ ތައާރަޒްވާ ނަމަ ތައާރަޒްވާ މިންވަރެއް ބާތިލް ކުރުމުގެ ބާރު ޝަރުއީ ކޯޓަށް ލިބިގެންވާ ކަމަށެވެ. އަދި ހަސްމުން ހާޒިރުނުކޮށް އެފަދަ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން އެދުނީ އެ ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުން އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށެވެ.
ވަކީލުގެ ވާހަކަތައް ނިމުމުން ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ އޭނާ އެ ދެއްކެވީ ވަރަށް ސީރިއަސް ވާހަކަތަކެއް ކަމަށެވެ. އަދި ސުވާލު ކުރެއްވީ ދައުލަތުގެ ފަރާތުން އެފަދަ އެއްޗެއް ބުނުމުގެ ހައްގު ލިބިދެނީ ކިހިނަކުންތޯ އެވެ.
ވަކީލު އުޝާމް ވިދާޅުވީ އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއްވީ ބަންޑާރަ ނައިބު އެ މައްސަލައިގައި ދެކިވަޑައިގަންނަވާ ގޮތް ކަމަށެވެ. ދެން ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ޝަރީއަތުގައ ބަންޑާރަ ނައިބު ތަމްސީލު ކުރައްވަން ޖެހޭނީ ދައުލަތް ކަމަށާއި ބަންޑާރަ ނައިބުގެ އަމިއްލަ ހައިސިއްޔަތު ނޫން ކަމަށެވެ.
ހަސްމުން ހާޒިރުނުކޮށް ވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމުމުގެ ބާރު ލިބޭ ކަމަށް ބަންޑާރަ ނައިބު އޮފީހުގެ ވަކީލު ވިދާޅުވެފައިވާތީ ފަނޑިޔާރު ސުވާލު ކުރެއްވީ ސުޕްރީމް ކޯޓުން ކަންތައް ކުރަން ޖެހޭ ގޮތް ބަންޑާރަ ނައިބުގެ އޮފީހުން ކިޔައިދިނީ ކީއްވެތޯ އެވެ. ޖަވާބުގައި ވަކީލު ވިދާޅުވީ ސުޕްރީމް ކޯޓުން ކަންތައް ކުރަން ޖެހޭ ގޮތް ކިޔައިދިނީ ނޫން ކަމަށާއި މީގެ ކުރިން ވެސް ކޯޓުން ކަންތައްތައް ކުރައްވާފައިވާ ގޮތްތަކަށް ރިއާޔަތްކޮށް މިފަހަރު ވެސް އެގޮތަށް ކަންތައް ކުރުމުގެ ބާރު އޮތް ކަމަށް ވިދާޅުވީ ކަމަށެވެ.
މޮނާޒާ ނައީމްގެ ފަރާތުން އެ ދައުވާ ޝަރީއަތަށް ހުށަހަޅަމުން ވިދާޅުވެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ ތިން ވަނަ މާއްދާގެ ރ. އާއި ބ. އާއި 60 ވަނަ މާއްދާ އާއި 61 ވަނަ މާއްދާ އާއި 127 ވަނަ މާއްދާއަކީ ގާނޫނު އަސާސީގެ ދެ ވަނަ މާއްދާ އާއި ހަ ވަނަ މާއްދާ އާއި އަށް ވަނަ ބާބުގައިވާ މަފްހޫމްތަކާ ހިލާފްވާ އެ މަފްހޫމްތަކާ ފުށުއަރާ މާއްދާތަކެއް ކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ގާނޫނު އެ މާއްދާތައް ބާތިލް ކުރުމަށް ނައީމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިވަޑައިގަތެވެ.