16 May 2016, 14:18
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، "އެފްއޭއެމް"ގެ ރައީސްކަމުގެ މަގާމަށް އަހްމަދު ޠާރިޤު (ޓޮމް) ގެނައުމަށް ތާޢީދު ކުރާކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) ބުނެފިއެވެ.
ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަދި ކްލަބް އީގަލްސްގެ ވައިސް ޗެއާމަންގެ މަގާމުގައި ހުންނެވި ޓޮމް އިއްޔެ ވަނީ، މިމަހުގެ 31 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިއުލާނުކުރައްވައިފައެވެ.

އަހްމަދު ޠާރިޤު (ޓޮމް) އެފްއޭއެމްގެ ކޮންގްރެސްއެއްގައި. އޭނާ ވަނީ އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާނޭކަން އިއްޔެ އިއުލާނުކުރައްވާފައި -- ފޮޓޯ: ޓޮމް ފޭސްބުކް
"ކުރިއަށް އޮތް އެފްއޭއެމްގެ އިންތިޚާބުގައި އަހްމަދު ޠާރިޤަށް އަހަރެން ތާއީދުކުރަން. އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާއަށް އަހަރެމެންގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދެވޭނެ،" މެލޭޝިއާ ސުޕަލީގުގެ ކުލަބެެއްކަމަށްވާ ޕީޑީއާރުއެމްގެ ފޯވާޑަކަށް ކުޅެމުން އަންނަ އަޝްފާޤު އޭނާގެ ޓްވީޓާގައި ލިޔެފައި ވެއެވެ.
I support@AhmedThaariqin the upcoming FAM presidential election. Bcz I blv he is the one who could to take our football to the next level
— Ali Ashfaq (@AliAshfaq07)May 16, 2016
ރާއްޖޭގެ ބޮޑެތި ކްލަބުތަކުގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ވެސް ކުރީގެ ފޯވާޑް ޓޮމް އޭނާގެ ފޭސްބުކް ޕޭޖްގައި އިއްޔެ ލިޔުއްވާފައި ވަނީ، އެފްއޭއެމްގެ ރައީސް ކަމަށް އޭނާ ކުރިމަތިލެއްވީ ފުޓްބޯޅަ ކްލަބުތަކާއި، ފުޓްބޯޅައިގެ އިސްފަރާތްތަކާއި، ކުރީގެ ކުޅުންތެރިންގެ އިތުރުން އައިލާ މެމްބަރުންނާއި ހެޔޮއެދޭ ފަރާތްތަކާ ވެސް މަޝްވާރަކޮށް އެ ފަރާތް ތަކުގެ އެއްބާރުލުމާއި އެކު ކަމަށެވެ.
އެފްއޭއެމް ރައީސްކަމަށް ވާދަކުރައްވަން ނިންމެވީ ސަރަހައްދީ ފުޓްބޯޅައިގެ ގަދަ ބާރަކަށް ރާއްޖެ އަލުން ހެއްދެވުމުގެ އަޒުމުގައި ކަމަށް ޓޮމްވަނީ ވިދާޅުވެފައެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން: ޓޮމް 9 ނަމްބަރު ޖާޒީގައި --- ފޮޓޯ: އެފްބީ
ދަގަނޑޭގެ އިތުރުން ދިވެހި ފުޓްބޯޅައިގެ މަތީ ފަންތީގައި ހަރަކާތްތެރިވާ ގިނަ ކުޅުންތެރީންތަކަކާއި އަދި އެނޫންވެސް ފަރާތްތަކާ ގާތްގުޅުމެއް ބާއްވަމުން އަންނަ ޓޮމް ވިދާޅުވެފައި ވަނީ، ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ސަރަހައްދީ މުބާރާތްތަކުގެ އިތުރުން އޭޝިއާގެ މުބާރާތްތަކަށް ކޮލިފައިވުމަށް ޓައިމްލައިނެއް ތައްޔާރުކޮށް އެކަން ހާސިލް ކުރަންވީ ވަގުތުވެސް ޖެހިފައިވާ ކަމަށެވެ.
މި ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ރާއްޖެ ކާމިޔާބުކުރި އިރު، ޓޮމްއަކީ އެޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނަން ހުށަހެޅުމަށް އިއުލާން ކޮށްފައިވާ އިރު ޓޮމްގެ އިތުރުން ދެން އެމަގާމަށް މީގެ ކުރިން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އޮލިމްޕިކް ކޮމެޓީގެ ރައީސް އަދި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމެޓީގެ ކުރީގެ ޗެއާމަން މުހައްމަދު ޝަވީދެވެ.