16 May 2016, 14:49
ބަޣުދާދު(މޭ 16): އިސްލާމިކް ސްޓޭޓް (އައިއެސް) އިން މިއަދު އިރާގުގެ އެކި ސަރަހައްދުތަކަށް ބަޑި އާއި ބޮމުގެ ހަމަލާދީގެން 29 މީހަކު މަރާލާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި އައިއެސް އިން މިއަދުގެ ފަތިހުގެ ވަގުތެއްގައި އެންމެ ފުރަތަމަ ބޮމުގެ ހަމަލާއެއް ދިނީ ވެރިރަށް ބަޣުދާދުގެ އުތުރުގައި އެގައުމުގެ ސަރުކާރުން ހިންގާ ގޭސް ޕްލާންޓަކަށެވެ.
އައިއެސްގެ ހަނގުރާމަވެރިންނާއި ޖާނުން ފިދާވެގެން ހަމަލާ ދޭން ތައްޔާރު ވެގެން ތިބި އެޖަމާއަތުގެ މެމްބަރުން ގޭސް ޕްލާންޓު ހުންނަ ސަރަހައްދަށް ވަދެފައި ވަނީ ކާރު ބޮމަކުން މައި ގޭޓު ގޮއްވާލައިގެންނެވެ. ހަނގުރާމަވެރިން ގޭސް ޕްލާންޓަށް ވަނުމަށް ފަހު އެތާ ތިބި ސަލާމަތީ ފަރާތްތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 14 މީހަކު މަރުވެ، 27 ސިފައިންނަށް އަނިޔާވި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
ބަޣުދާދުގެ އޮޕަރޭޝަންސް ކޮމާންޑުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން ވަނީ ގޭސް ޕްލާންޓުގެ ތިން ގޭސް ސްޓޯރޭޖް ޔުނިޓުގައި އަލިފާން ރޯކޮށްފަ އެވެ. ޓެކްނީޝަނުން މިހާރު ދަނީ ހާދިސާގައި ލިބުނީ ކިހާވަރެއްގެ ގެއްލުމެއްތޯ ބަލަމުންނެވެ.
ގޭސް ޕްލާންޓަށް ހަމަލާ ދިނުމަށް ފަހު އައިއެސް އިން ވަނީ ބަޣުދާދުގަ އާއި ބަޣުދާދު ކައިރީގައި ބޮމުގެ ހަތަރު ހަމަލާ ދީފަ އެވެ. އެހަމަލާތަކުގައި 15 މީހަކު މަރުވެ 46 މީހަކަށް އަނިޔާވި އެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން އައިއެސް އިން އިރާގަށް ދެމުންދާ ހަމަލާތަކުގައި 140 މީހަކު ވަނީ މަރުވެފަ އެވެ. (އަލްޖަޒީރާ)