16 May 2016, 13:34
އިމިގްރޭޝްނުގެ މައްސަލައަކުން ރާއްޖޭން ބޭރަށް ފުރަން ގޮސް ނުފުރުމުން ގެއްލުމުގެ ބަދަލު ހޯދަން މީހަކު ކުރި ދައުވާ ކާމިޔާބެއް ނުވި އެވެ.
އެމީހާ ދައުވާކޮށްފައި ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ސިވިލް ކޯޓުން ކުރި އަމުރު ބާތިލުކޮށްފައި ވަނިކޮށް ޕާސްޕޯޓު ހިފަހައްޓައި ރާއްޖޭން ބޭރަށް ނުދެވޭގޮތަށް ހެދުމުން ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
އެ މައްސަލަ ބަލައި ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ 11 ސެޕްޓެމްބަރު 2011 ވަނަ ދުވަހު ދައުވާ ކުރި ފަރާތުން ފުރަން އެއާޕޯޓަށް ފުރަންގޮސް ޗެކިން ނިންމައި އިމިގްރޭޝަން ކައުންޓަރަށް ދިއުމުން އެއީ ކޯޓު އަމުރަކުން ޕާސްޕޯޓު ހިފަހައްޓަން އަންގާފައިވާ މީހެއްކަމަށް ބުނެފައިވާކަން އެނގެން އޮންނަ ކަމަށެވެ.
އެކަމުގެ ސަބަބުން ދައުވާ ކުރި ފަރާތަށް ރާއްޖޭން ބޭރަށް ނުދެވި ގެއްލުންތަކެއް ލިބުނު ނަމަވެސް ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ސަބަބެއް ކަމަށް ކޯޓު ހުކުމުގައި ބުނެފައި ވަނީ ދައުވާ ކުރި ފަރާތުން ލިބުނު ގެއްލުމުގެ ގޮތުގައި ހިސާބުކޮށްފައި ވަނީ ކޮން އަސާސެއްގެ މައްޗަށްކަން ސާބިތުކޮށްދެވިފައި ނުވާތީ އެވެ.
"އެ ލިބުނު ކަމަށް ދައުވާކުރާ ފަރާތުން ބުނާ ގެއްލުމުގެ ބާވަތާއި ވައްތަރާއި، އެ ގެއްލުމުގެ ކުޑަބޮޑުމިނަކީ ކޮބައިކަމާއި ދައުވާކުރާ ފަރާތަށް ލިބިނު ގެއްލުމުގެ ބަދަލު ދައުވާ ކުރާފަރާތުން ހިސާބުކޮށްފައި ވަނީ ކޮން އަސާސެއްގެ މައްޗަށްކަން. ދައުވާކުރާ ފަރާތުން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ،" ހުކުމުގައި ބުނެފައިވެ އެވެ.
އެހެންކަމުން ދައުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު "މަދަނީ މިންގަނޑުން ބަލާއިރު ޝަރީއަތަށް ސާބިތުނުވާ ކަމަށް،" ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ.