16 May 2016, 13:09
ސްރީލަންކާގެ ސިއްހީ ދާއިރާގެ އެކިއެކި ކަންކަން ހަރުދަނާކޮށް، ރަނގަޅު ކުރުމަށް ޓަކައި ޗައިނާ އިން އެގައުމަށް ހުށަހަޅާފައިވާ 85 މިލިޔަން ޑޮލަރުގެ އެހީގައި ހިފުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފި އެވެ.
ސްރީލަންކާގެ ސިއްހަތާއި ހަކީމީ ބޭސްވެރިކަމާ ބެހޭ ވަޒީރު ރާޖިތަ ސޭނާރަތުނަ، އެގައުމުގެ ކެބިނެޓަށް ހުށަހެޅުއްވީ، ޗައިނާ ސަރުކާރުން ދީފައިވާ 85 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ބޭނުން ކޮށްގެން، ސްރީލަންކާގެ އެކި ހިސާބުތަކުގައި ހުރި ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.
ސްރީލަންކާގެ ސަރުކާރުން ހިންގާ ގިނަ ހޮސްޕިޓަލުތައް ހިންގާ އިމާރާތްތަކަކީ އިންފްރާސްޓްރަކްޗަރުގެ ގޮތުން ފެންވަރު ދަށް ތަންތަނެވެ.
ލަންކާ ކެބިނެޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި މަސައްކަތުގެ ދަށުން ލަންކާގެ ޕްރޮވިންޝަލް ހޮސްޕިޓަލުތަކުގެ އިތުރުން، ބައެއް އެހެނިހެން ހޮސްޕިޓަލުތަކުގައިއާ އިމާރާތްތަކެއް އަޅައި، ބޭނުންވާ މުހިންމު އިކުއިޕްމެންޓުތައް ގަންނާނެ ކަމަށެވެ.
ޗައިނާ އިން ދަނީ ދެކުނު އޭޝިއާގެ އެކި ގައުމުތަކުގައި އެ ގައުމުގެ އިންވެސްޓްމެންޓްތައް އިތުރު ކުރަމުންނެވެ. ސްރީލަންކާއަކީ ޗައިނާ އިން އެންމެ ބޮޑު އިންވެސްޓްމެންޓްތައް ކުރަމުން އަންނަ ގައުމެވެ.
އެގޮތުން، ސްރީލަންކާގެ ކޮލޮމްބޯގެ އައްސޭރިން ބޮޑު ސަރަހައްދެއް ހިއްކައި އެތަނުގައި "ކޮލޮމްބޯ ޕޯޓް ސިޓީ"ގެ ނަމުގައި ބަނދަރަކާ އެކު އިގްތިސާދީ ބިޔަ ޝަހަރެއް ތަރައްގީ ކުރުމަށް 1.3 ބިލިޔަން ޑޮލަރު ޗައިނާ އިން އިންވެސްޓް ކުރާ އިރު، ލަންކާގެ ދެކުނު ސަރަހައްދުގައި އޮންނަ ހަމްބަންތޯޓާގެ ބައިނަލްއަގުވާމީ ބަނދަރު ހެދުމުގައި ވެސް ޗައިނާގެ ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފަ އެވެ.