އެމްޕީއެލްގެ ޓަގް ބޯޓުގެ މަސައްކަތް ފުރިހަމަކުރަން ހަވާލުކުރި ޓްރޮޕިކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ޓަގް ބޯޓުގެ މަސައްކަތް ފުރިހަމަ ނުކުރުމުގެ ސަބަބުން އެމަސައްކަތް ފުރިހަމަ ކުރުމަށް 23 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެމްޕީއެލްގެ ޓަގްބޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސެންޓަ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެކުންފުނިން ޓްރޮޕިކް އިންވެސްޓްމެންޓް ޕްރައިވެޓެޑާ ޓަގް ބޯޓުގެ މަސައްކަތް ހަވާލުކުރީ އެއްބަސްވުމެއްގެ ދަށުން ވަކި މުއްދަތަކަށް ނިންމުމަށެވެ. ސެންޓަ އެންޓަޕްރައިސަސްއިން ސިވިލް ކޯޓުގައި ދައުވާ ކުރީ ޓަގު ބޯޓުގެ މަސައްކަތް ނުނިންމުމުން ނިންމުމަށް ބޭނުންވާ ފައިސާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

އެމައްސަލަ ބަލައި ސިވިލް ކޯޓުން މިމަހުގެ ފަސްވަނަ ދުވަހު ކުރި ހުުކުމުގައި ބުނެފައިވަނީ ބްލާޑް ޕުލް 17 ޓަނުގެ ޓަގް ބޯޓެއް ބަނުމަށް ޓްރޮޕިކް އިންވެސްޓްމެންޓާ ހަވާލުކުރި ނަމަވެސް އެމަސައްކަތް ނިންމާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ބޯޓު ބަނދެ ފުރިހަމަ ކުރުމަށް ދާނެ ހަރަދަށް ޓްރޮޕިކް އިންވެސްޓްމެންޓްއިން ޒިންމާ ވާން ޖެހޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ބޯޓު ބަނުމަށް ދާނެ ހަރަދުގެ ގޮތުން 23،500،000 ރުފިޔާ ސެންޓަ އެންޓަޕްރައިސަސްއަށް ތިންމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޓްރޮޕިކް އިންވެސްޓްމެންގެ މައްޗަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ފުރިހަމަނުކޮށް އޮތް ޓަގު ބޯޓުވެސް 45 ދުވަހުގެ ތެރޭގައި ސެންޓަ އެންޓަޕްރއިސަސްއާ ހަވާލުކުރުމަށް ކޯޓުން ވަނީ އަންގާފަ އެވެ.

ޓަގް ބޯޓު ބަނުމަށް ޓްރޮޕިކް އިންވެސްޓްމެންޓާ ހަވާލުކޮށްފައިވަނީ 2010 ވަނަ އަހަރު އެވެ.