ބޮޑެތި ވައްކަމާއި ފޭރުންތައް މާލޭގައި ހިންގާ ކަމަށް ފުލުހުން ތުހުމަތު ކުރާ ބޮޑު ފަސް "ވަގުން"ގެ ތެރޭގައި ހިމެނޭ ނާމިދު މުހައްމަދު، 24 ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގދ. ފަރެސްމާތޮޑާ، މާތޮޑާ އަވަށު ސެމާ، ނާމިދު، ބަންދުގެ މުއްދަތު އިތުރު ކުރަން މި މަހުގެ ހަ ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގެ މުއްދަތު ޖަހައި ނުދީ ދޫކޮށްލާފައިވާ ކަމަށެވެ. އަދި ބުނީ ނާމިދު ދޫކޮށްލަން ކޯޓުން އަމުރުކުރީ އޭނާއަކީ މުޖުތައުގައި ހިންގާ ބޮޑެތި ވައްކަންތަކުގައި ޝާމިލްވާ ކުށްވެރިކަމާއި އޭނާ ބަންދުން ވީއްލައިފިނަމަ މުޖުތަމައުއަށް ނުރައްކާވާނެ ސަބަބާއި ހެކި ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށްވެސް އެދުވަހު ކޯޓުން ބުނި ކަމަށެވެ.

"މުޖުތަމައުއަށް ނުރައްކާ ބޮޑު މީހަކަށް ވުމާއެކު، އޭނާ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން، އެކަށީގެންވާ ވަރަށް ހެކި ދެއްކިފައި ނުވާ ކަމަށް ބުނެ، ކޯޓުން ނާމިދު ދޫކޮށްލީ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ނާމިދުގެ ދެ މައްސަލައެއް ޕީޖީ އަށް ފުލުހުން ފޮނުވާފައިވާއިރު، ތިން ފަހަރެއްގެ މަތިން އޭނާ ވަނީ ހައްޔަރުކޮށް ތަހުގީގުތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި އެންމެ ފަހުން ނާމިދު ހައްޔަރު ކުރީ މިދިޔަ އެޕްރީލް މަހުގެ 22 ގަ އެވެ.