ނ. އަތޮޅު ކުޑަފުނަފަރުގައި ތްރީއޭ ގްރޫޕުން ހިންގަމުން އައި ޒިޓާލީ ކުޑަފުނަފަރު ރިސޯޓު، ސިންގަޕޫރުގެ ކުންފުންޏަކުން ގަނެފި އެވެ.

ސިންގަޕޫރުގެ ރޮކްސީ ޕެސިފިކް ހޯލްޑިންގްސްއިން ޒިޓާލީ ކުޑަފުނަފަރު ގަނެފައިވާ އިރު، ރޮކްސީގެ ބްރޭންޑެއްގެ ގޮތުގައި ރީބްރޭންޑް ކުރެވި، މި ރިސޯޓު އަލުން ހުޅުވުމަށް ރޮކްސީ ޕެސިފިކްއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މި ރިސޯޓު، 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ހުޅުވުމަށް ރޮކްސީއިން މަސައްކަތް ކުރަމުންދާ އިރު، ރިސޯޓު ރީބްރޭންޑް ކުރެވޭނީ ރޮކްސީގެ "ނޯކޫ" ބްރޭންޑަށެވެ. ރޮކްސީއިން، ނޯކޫ ބްރޭންޑުގެ ފުރަތަމަ ހޮޓެލްއެއް ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު، ޖަޕާނުގެ ކިޔޯޓޯގަ އެވެ.

ތްރީއޭ ކުންފުންޏަކީ، ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ހަމްޒާގެ އާއިލީ ކުންފުންޏެކެވެ. އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާ ހަމްޒާ ވިދާޅުވީ، ޒިޓާލީ ކުޑަފުނަފަރަކީ ދިވެހި ކުންފުންޏަކުން އަމިއްލައަށް ހިންގަމުން ދިޔަ ރިސޯޓެއް ކަމަށާއި، އެފަދަ ރިސޯޓަކުން ދެމުން ދިޔަ ޚިދުމަތް ދިނުމަށް ބޭރުގެ ކުންފުންޏަކުން އެ ރިސޯޓު ގަތުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ކުޑަފުނަފަރުގައި ގާއިމުކޮށްފައިޒާ ޒިޓާލީ ރިސޯޓުގެ ވިލާތަކާ، ރެސްޓޯރަންޓާ ކެފޭގެ އިތުރުން އެހެނިހެން ތަންތަން ވެސް މަރާމާތުކޮށް، އެތަންތަނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ރޮކްސީއިން މިހާރު ދަނީ ކުރަމުންނެވެ. އެ ރިސޯޓުގައި މިހާރު ޖުމްލަ 50 ވިލާއާ، ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ހަތަރު ތަނެއް ހުރެ އެވެ.

ރޮކްސީ ޕެސިފިކްގެ މެނޭޖިންގ ޑިރެކްޓަރު ކްރިސް ޓިއޯ ވިދާޅުވީ، އެ ރިސޯޓު ގަނެވުމަކީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެއީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި އެކުންފުނީގެ މާކެޓު ވަރުގަދަ ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.

މިއީ ރޮކްސީ ޕެސިފިކްއިން ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓަށް ވެގެން ދާނެ އެވެ.

ދެހާސް އަށްވަނަ އަހަރު ތްރީއޭ އިން ހުޅުވި ޒިޓާލީ ކުޑަފުނަފަރުގެ ކުލީގެ އިތުރުން ބައެއް އެހެނިހެން ފައިސާ ނުދެއްކުމުގެ ސަބަބުން މީރާއިން ވަނީ އެފައިސާ ހޯދަން މަސައްކަތް ކޮށްފަ އެވެ. އަދި ސަރުކާރުން އެ ރިސޯޓުގެ އެގްރީމެންޓް ބާތިލު ކުރުމަށް ވެސް މަސައްކަތް ކޮށްފައި ވެ އެވެ.

ޒިޓާލީ ކުޑަފުނަފަރު ވިއްކާލުމަށް ތްރީއޭ ކުންފުނިން އިއުލާނު ކުރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.