މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެކި ފަރާތްތަކާ ގުޅިގެން ފްރާންސުގެ ހަތަރު ސިޓީއެއްގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށްފި އެވެ.

އެމްއެމްޕީއާރުސީން އާންމުކުރި ބަޔާނެއްގައި ބުނީ ރެކޯޑް އަދަދަކަށް މީހުން ޒިޔާރަތްކުރި އެ ރޯޑްޝޯތައް ކުރިއަށްގެންދިޔައީ ފްރާންސުގެ ޕެރިހާއި ލިއޮންގެ އިތުރުން އިތުރު ދެ ސިޓީއެއްގައި ކަމަށެވެ.

ރޯޑްޝޯތައް ކުރިއަށްގެންދިއުމުގައި އެމްއެމްޕީއާރުސީ އާއި އެކު ބައިވެރިވެފައި ވަނީ ކަނޑިމާ މޯލްޑިވްސް، އަމިއްލަފުށި، ސަން ސިޔާމް ރިސޯޓްސް، އޭއޭއޭ ހޮޓެލްސް އެންޑް ރިސޯޓްސް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް، ޖޭއޭ މަނަފަރު، ޔުނިވާސަލް ރިސޯޓްސް، ހަމިންބާޑް ހޭމާ ތްރެވަލް، ބަންޔަން ޓީ ވައްބިންފަރު އަދި ސޮނެވާ ރިސޯޓްސް އާއި ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސް އެވެ.

އެމްއެމްޕީއާރުސީން ބުނީ އެ ރޯޑްޝޯތަކުގެ ބޭނުމަކީ ފްރާންސުގައި ރާއްޖޭގެ ޓޫރިޒަމް އިތުރަށް ޕްރޮމޯޓްކޮށް ފްރާންސުގެ ޓްރެވަލް އިންޑަސްޓްރީ ރާއްޖޭގެ ޓޫރިޒަމަށް އިތުރަށް އަހުލުވެރިކުރުން ކަމަށެވެ. އެގޮތުން މިމަހު ނުވަވަނަ ދުވަހުން 12 ވަނަ ދުވަހަށް ކުރިއަށްގެންދިޔަ ރޯޑްޝޯތަކަށް ފްރާންސު ޓްރެވަލް އިންޑަސްޓްރީގެ 200 އަށްވުރެ ގިނަ ފަރާތްތަކުން ޒިޔާރަތްކުރި ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ފްރެންޗް މީޑިއާގެ ވެސް ގިނަ ފަރާތްތަކެއް ބައިވެރިވި އެ ހަރަކާތުގައި ވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ފަހުގެ ގިނަ އަޕްޑޭޓްތަކެއް ފްރާންސްގެ ޓްރެވަލް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދީފައި ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.