16 May 2016, 12:01
ދައުލަތަށް އެއްމިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވި މައްސަލައެއްގެ ތުހުމަތުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، ނަޒީމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އެ ކޮމިޝަނުން އަންނަނީ ދިރާސާ ކުރަމުން ކަމަށެވެ.
އެމްއާރްޑީސީގެ ބޯޑުން ނިންމައިގެން އެ ކުންފުނީގެ ޕްރޮޑަކްޝަނަށް 5000 ޓަނުގެ ސިމެންތި ސަޕްލައިކުރުމަށް ރެއިޒް ކްރައުން ޕްރޮޑަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. އެކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާކަން އޭސީސީގެ ތަހުގީގުން އެނގެން އޮވެއެވެ.
ނަމަވެސް އެމްއާރްޑީސީ އާއި އެކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށް އެމްއާރްޑީސީއަށް ސިމެންތި ސަޕްލައި ކުރުމުގެ ކުރިން އެ ޕްރޮޖެކްޓުގެ ޖުމްލަ އަގު ކަމަށްވާ 10،058،340 ރުފިޔާ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޕޭމަންޓު ވައުޗަރަކުން އެކުންފުންޏަށް ދީފައިވާކަން އޭސީސީގެ ތަހުގީގުން އެނގެން އޮވެއެވެ.
ތަހުގީގުން އެނގުނު ގޮތުގައި ޕޭމަންޓު ވައުޗަރުގައި އެ ފައިސާ ޚަރަދުކުރުމަށް ހުއްދަދީފައި ވަނީ އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ނަޒީމެވެ.
އެކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދިނުމަށް އެމްއާރްޑީސީގެ ބޯޑުން ނިންމާފައިނުވާ ކަމަށް އޭސީސީގެ ތަހުގީގުން އެނގެން އޮވެއެވެ.
އޭސީސީގެ ތަހުގީގުން އެނގުނު ގޮތުގައި އެ ކުންފުނިން އެމްއާރްޑީސީ އަށް ސިމެންތި ސަޕްލައިކޮށްދީފައި ވަނީ ސިމެންތި ސަޕްލައިކޮށްދޭންޖެހޭ ދުވަހަށްވުރެ 169 ދުވަސް ފަހުންނެވެ. އެ މުއްދަތަށް ސިމެންތި ސަޕްލައިކޮށްނުދެވިގެން މުއްދަތު އިތުރު ކުރުމަށް އެ ކުންފުނިން އެދުމުން އެމްއާރްޑީސީގެ ބޯޑުން މުއްދަތު އިތުރުކޮށްދީފައިނުވާކަން ވެސް އޭސީސީގެ ތަހުގީގުން އެނގެން އޮވެއެވެ.
ސިމެންތި ސަޕްލައިކުރުމަށް އެކުންފުންޏާ އެކު އެމްއާރްޑީސީން ވެފައިވާ އެއްބަސްވުމުގައިވާގޮތުން ކަނޑައެޅިފައިވާ މުއްދަތަށް ސިމެންތި ސަޕްލައި ނުކުރެވި ހިނގާ ކޮންމެ ދުވަހަކަށް ޕްރޮޖެކްޓުގެ ޖުމްލަ އަގުގެ 0.1 ޕަސެންޓު ލިކިއުޑޭޓް ޑެމޭޖްގެ ގޮތުގައި އެމްއާރްޑީސީން ނަގަންޖެހެއެވެ. އަދި އެންމެ ގިނަ ވެގެން ލިކިއުޑޭޓް ޑެމޭޖްގެ ގޮތުގައި ނެގޭނީ މުޅި ޕްރޮޖެކްޓުގެ ޖުމްލަ އަގުގެ ދިހަ ޕަސެންޓު ކަމަށް އެއްބަސްވުމުގައި ވަނީ ބަޔާންކޮށްފަ އެވެ.
އޭސީސީން ޕީޖީ އޮފީހަށް ފޮނުވި މައްސަލާގައި ވަނީ އެންމެ ގިނަ ވެގެން ލިކިއުޑޭޓް ޑެމޭޖްގެ ގޮތުގައި ނެގޭނެ ކަމަށް އެގްރީމެންޓުގައި ބަޔާންކޮށްފައިވާ 1،005،834 ރުފިޔާ އެމްއާރްޑީސީ އަށް ލިބިފައިނުވާ ކަމަށެވެ. އެ ފައިސާ ނުލިބި ވަނީ އެޑްވާންސްގެ ގޮތުގައި ޕްރޮޖެކްޓުގެ ޖުމްލަ އަގު ދީފައިވާތީ ކަމަށް ވެސް އޭސީސީން ޕީޖީ އޮފީހަށް ފޮނުވި މައްސަލާގައި ވެއެވެ.
އޭސީސީން ޕީޖީ އޮފީހުގައި އެދިފައި ވަނީ ނަޒީމްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްދިނުމަށެވެ.