16 May 2016, 11:57
މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑް ސްޓޭޑިއަމްގައި ބޮމެއް އޮތްކަމަށް ބުނެ، އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބޯންމަތު އާ ދެކޮޅަށް ޔުނައިޓެޑް ކުޅެން އޮތް މެޗު ފަހު ވަގުތުގައި ކެންސަލްކޮށްފައި ވާއިރު، އެ ދަނޑުން ފެނުނީ ތަމްރީނުތަކުގައި ބޭނުންކުރާ ވައްތަރުގެ ފޭކް ބޮމެއް ކަމަށް ގްރޭޓަރ މެންޗެސްޓަރ ފުލުހުން ބުނެފިއެވެ.
ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުން، ޔުނައިޓެޑާއި ބޯންމަތު މިސީޒަންގެ ފަހުމެޗަށް ރޭ ތައްޔާރުވެ، މެޗުފަށަން ކުޑަތަން ވެފައި ވަނިކޮށް ކުއްލިގޮތަކަށް މެޗު ކެންސަލްކޮށް ދެޓީމުގެ ކުޅުންތެރީންނާއި ސަޕޯޓަރުން ދަނޑުން ނެރެ އެތަން ހުސްކުރަން ޖެހުނީ، އެތަނުގައި ގޮވާޒާތުގެ އެއްޗެއް އޮތްކަމަށް ލިބުނު ރިޕޯޓުތަކާ ގުޅިގެންނެވެ. އަދި، ބޮމްބް ޑިސްޕޯސަލް ޔުނިޓާއި ގްރޭޓަރ މެންޗެސްޓަރ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނަށް ފަހު، އެނގިފައިވަނީ، އެ ބޮމަކީ ސަލާމަތީ ކަންކަން ބަލަހައްޓާ އަމިއްލަ ކުންފުންޏަކުން އެތަނުގައި ހެދި ތަމްރީނުތަކަކަށް ފަހު އޮޅުމަކުން ދޫކޮށްލެވިފައިވާ "ޑަމީޑިވައިސް"އެއް ކަމަށް ފުލުހުން ބުނެއެވެ.
ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ ގޯލް.ކޮމްއިން ބުނެފައިވަނީ، އެ ނޫހަށް އެނގިފައިވާ ގޮތުން އޯލްޑް ޓްރެފަޑުން ފެނުނު "ޕައިޕް ބޮމްބް" ބާއްވާފައި އޮތީ، އެ ސްޓޭޑިއަމްގެ އެގްޒެކެޓިވް ސުއީޓް ފާހާނާތައް ކައިރީގައެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ރޭ ނުކުޅެ ފަސްކުރި މެޗު މިހާރު ކުޅުމަށް ތާވަލްކޮށްފައި ވަނީ، މާދަމާއަށެވެ.
"އަހަރެން ވަރަށް ބޮޑަށް އުފާކުރަން މެންޗެސްޓަރ ޔުނައިޓެޑާއި ބޯންމަތު ސަޕޯޓަރުންގެ ފަރާތުން ފުލުހުންނަށް ލިބުނު އެއްބާރުލުމަށް،" ގްރޭޓަރ މެންޗެސްޓަރ ފުލުހުންގެ އެސިސްޓެންޓް ޗީފް ކޮންސްޓަބަލް ޖޯން އޯ'ހާރޭ ވިދާޅުވިއެވެ.
ގޮވާތަކެތި ދެނެގަންނަ ކުއްތާ ބޭނުންކޮށްގެން ހިންގި ހާއްސަ އޮޕަރޭޝަނަށް ފަހު އެގުނު ގޮތުގައި، ސްޓޭޑިއަމުން ފެނުނީ އަމިއްލަ ކުންފުންޏަކުން އެތަނުގައި ބޭއްވި ތަމްރީނުތަކެއްގައި ބޭނުންކުރުމަށް ފަހު އޮޅުމަކުން ދޫކޮށްލެވިފައިވާ ތަމްރީނުތަކުގައި ބޭނުންކުރާ އާލާތެއްކަމަށް އޭނާ ވިދާޅުވިއެވެ.
ލީގު ތާވަލުގެ ހަ ވަނައިގައި 63 ޕޮއިންޓާއެކު އޮތް މެންޗެސްޓާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރާ މަސައްކަތުގައި ބޯންމަތު މެޗު ވަރަށް މުހިއްމެވެ. އެ މެޗުން ޔުނައިޓެޑް މޮޅުވި ނަމަވެސް ތާވަލުގެ ހަތަރު ވަނަައިގައި 66 ޕޮއިންޓާއެކު އޮތް މެންޗެސްޓާ ސިޓީއަށްވުރެ ކުރި ހޯދަން ބޭނުން ނަމަ، 18 ލަނޑުގެ ތަފާތަކުން ޔުނައިޓެޑް މޮޅުވާން ޖެހެއެވެ.