ވިލިމާލޭގައި ހިންގަމުން ދިޔަ ގަލަމް އިންޓަނޭޝަނަލް ޕްރީސްކޫލް، އެޑިއުކޭޝަން މިނިސްޓްރީ އާ ހަވާލުކުރުމަށްފަހުވެސް އެތަނުގައި ހުރި އެ ސްކޫލުގެ ތަކެތި ގެންގޮސްފައި ނުވާތީ، އެތަކެތި ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް އެޑިއުކޭޝަނުން ދީފި އެވެ.

އެ ސްކޫލް އިމާރާތާ އެޑިއުކޭޝަނުން ހަވާލުވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

މިނިސްޓްރީން ބުނީ ސްކޫލާ ހަވާލުވުމަށްފަހު އެ ސްކޫލުގައި ހުރި ގަލަން އިންޓަނޭޝަނަލް ޕްރީސްކޫލުގެ ތަކެތި ގެންގޮސް ނިންމުމަށް މި އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އެ ތަކެތި ގެންގޮސްފައިނުވާ ކަމަށެވެ.

އެހެންކަމުން މާދަމާ އިން ފެށިގެން އެ ތަކެތި ގެންގޮސް ނިންމުމަށް މިހާރު ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެޑިއުކޭޝަނުން ބުނީ އެ މުއްދަތުގެ ތެރޭގައި ތަކެތި ނުގެންގޮސްފި ނަމަ، އެ ތަކެތި ނީލަމުގައި ވިއްކައިލާނެ ކަމަށެވެ.

ވިލިމާލޭ ގަލަމް ޕްރީ ސްކޫލު ހިންގަން އެޑިއު އޮޕްޝަނުން ސަރުކާރާ އެކު ހެދި އެއްބަސްވުން އުވާލައި، އެތަން އެޑިއުކޭޝަނަށް ނެގީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެމައްސަލައިގައި އެޑިއު އޮޕްޝަންގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރުމުން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން އެ އެއްބަސްވުން އުވާލާފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިދިޔަ އޮކްޓޫބަރު މަހު ކުރި ހުކުމުގައި ބުނެފައި ވަނީ އެޑިއު އޮޕްޝަނާ އެކު އެޑިއުކޭޝަން މިނިސްޓްރީން ވެފައިވާ އެއްބަސްވުން އުވާލާފައި ވަނީ ރަނގަޅަށް ކަމަށެވެ.

ހައިކޯޓުގެ ހުކުމްގައި އެ ޕްރީ ސުކޫލު ހިންގާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ އެކު ވެވުނު އެބަސްވުމުގައި ބުނެފައިވާ ގިނަ ކަންކަން ފުރިހަމަ ނުކޮށް ކަމަށް ބުނެގައި ވެއެވެ. އެގޮތުން ސުކޫލުގައި ބޭނުން ކުރަމުން ދިޔަ ފަރުނީޗަރަކީ ކުޑަކުދިން ބޭނުން ކުރުމަށް ރައްކާތެރި ފަރުނީޗަރަށް ނުވުމާއި ކްލާސްތަކުގައި އެންމެ ޓީޗަރަކު ހުރެ ކިޔަވައިދީފައި ވުމުން ކުދިން ރަނގަޅަށް ނުބެލި ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.

ހަމަ އެއާއެކު ސްކޫލު ހިންގާނެ އިސްވެރިއަކު ނެތި ގިނަ ދުވަސްތަކެއް ވަންދެން ސްކޫލު ހިންގަމުން ގެންގޮސްފައިވުމާއި ސުކޫލުގެ ކަންކަމުގައި ބެލެނިވެރިންގެ އެއްވެސް ބައިވެރިނުކުރުމާއި ބެލެެނިވެރިންގެ ހިޔާލުތަކަށް ސުކޫލުން އިހުތިރާމް ނުކުރާކަން ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ސުކޫލުގެ ކުއްޖަކަށް އަނިޔާއެއް ނުވަތަ ކުއްލި ސިއްހީ ހާލަތެއް ދިމާވެއްޖެ ނަމަ ފަރުވާދޭނެ ހެލްތު ވޯކަރަކު ނެތުން ފަދަ އެތައް ކަމެއް އެއްބަސްވުމާ ހިލާފަށް ގަލަމް ޕްރީސުކޫލުން ކޮށްފައިވާކަން ހައި ކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.