16 May 2016, 12:23
ސުނިލް ޝެޓީގެ އަންހެން ދަރިފުޅު، އާތިޔާ ޝެޓީ އަކީ އޭނާގެ ފުރަތަމަ ފެނިލުމަށް ފަހުވެސް "ފެޝަނިސްޓާ" އެއްގެ ގޮތުގައި ލޭބަލް ވެގެން ދިޔަ ތަރި އެކެވެ. އަދި އެއްބަޔަކު އަންނަނީ ބޮލީވުޑުގެ "ޑީވާ"ގެ ގޮތުގައި މަޝްހޫރު ސޯނަމް ކަޕޫރާއި އާތިޔާ އެގޮތް ކުރަމުންނެވެ.
އާތިޔާގެ ހެދުން އެޅުމަށް ބޮޑު ސަމާލުކަމެއް ލިބުނު ނަމަވެސް، އެކްޓިންގ ގެ ދާއިރާގައި އާތިޔާއަށް މިވަނީ މީހުންގެ ސަމާލުކަން ދަމައިގަނެވޭ ގޮތް ނުވެފަ އެވެ.
ދެހާސް ސާދަ ވަނަ އަހަރު ނުކުތް އޭނާގެ ފުރަތަމަ ފިލްމު "ހީރޯ" އަށްފަހު، މިހާރު ދެ އަހަރު ފާއިތުވެ ދާއިރުވެސް އާތިޔާއަށް އިތުރު ޕްރޮޖެކްޓެއް އަތު ޖެއްސޭގޮތެއް އަދި ނުވެ އެވެ.
އެކަމާ ކަންބޮޑުވެގެން އެންމެ ފަހުން އާތިޔާ މިވަނީ ބޮލީވުޑުގައި މިވަގުތު ހުރި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު ކަމުގައިވާ ސަންޖޭ ލީލާ ބަންސާލީގެ ގާތަށްވެސް ގޮސްފަ އެވެ.

ސަންޖޭ ލީލާ ބަންސާލީ---
ސަންޖޭ ލީލާ ބަންސާލީ އަކީ މި ފަހުން ނުކުތް އެންމެ ކާމިޔާބު ދެ ފިލްމު ކަމުގައިވާ "ބާޖީރާއޯ މަސްތާނީ" އަދި "ގޯލިއޯކީ ރާސް ލީލާ، ރާމް ލީލާ" ގެ ޑައިރެކްޓަރެވެ.
ހަބަރުތައް ބުނާގޮތުން އާތިޔާ ސަންޖޭ ލީލާ ބަންސާލީގެ ގާތަށް ދިޔައީ ފިލްމު ނުލިބޭތީ، އެ މައްސަލަ ހައްލު ކުރާނެ ގޮތުގެ އިރުޝާދު ހޯދުމަށެވެ. ދެމީހުން ބައްދަލުކޮށް ފިލްމުތަކާއި އާތިޔާގެ ކުރިމަގާއި ގުޅިގެން ވާހަކަ ދެއްކި ކަމަށްވެ އެވެ.
ނަމަވެސް ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން އާތިޔާއަށް ފުރުސަތު ލިބޭނެކަން ޔަގީން ނުވި ނަމަވެސް ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ ކަމުގެ ޔަގީންކަން ސަންޖޭ ވަނީ އާތިޔާއަށް ދީފަ އެވެ.

އާތިޔާ ޝެޓީ އަދި ސޫރަޖް ޕަންޗޯލީ ފިލްމު "ހީރޯ" ގެ ޕްރޮމޯޝަންގެ ތެރެއިން ---
އާތިޔާ ޝެޓީ ފިލްމީ ދާއިރާއަށް ނެރުނީ، ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ސަލްމާން ހާން އެވެ. ހީރޯގައި އާތިޔާ އާއެކު ދެން ފެނިގެން ދިޔައީ ސޫރަޖް ޕަންޗޯލީ އެވެ. ހީރޯ އަކީ ސޫރަޖްގެ ވެސް ފުރަތަމަ ފިލްމެވެ.