ރާއްޖޭގައި ޓީވީ އާއި ރޭޑިއޯ ބްރޯޑްކާސްޓްކުރުމަށް ޓެރެސްޓީރިއަލް ފްރެކްއެންސީ އާއި ލައިސަންސް ދޫކުރުމަށް ހުޅުވާލެވޭނީ އެކަމާ ބެހޭ ގަވާއިދު އިސްލާހުކޮށް ނިމުމުން ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ކޮމިޝަންގެ މައްޗަށް ގާނޫނު ލާޒިމްކުރާ ފްރެކްއެންސީ ޕްލޭން އެކުލަވާލުމުގެ މަސައްކަތާއި ފްރެކްއެންސީ ލައިސަންސް ދޫކުރުމުގެ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމަށް 2007 ވަނަ އަހަރުގެ މާޗް މަހު ހަދާފައިވާ ގަވާއިދު މުރާޖައާ ކުރުމުގެ މަސައްކަތް ވެސް ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ. އަދި ބުނެފައި ވަނީ އެ ގަވާއިދުގެ މަސައްކަތް ނިމުނުހާ އަވަހަކަށް، ފުރުސަތަށް އެދޭ ފަރާތްކަށް އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.

ނަމަވެސް އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ އެ މަސައްކަތް ނިމޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށާއި އެކަން ނޭނގެނީ ކޮމިޝަންގެ މަސައްކަތްތައް އަދި ރަނގަޅަށް ހިނގައި ނުގަންނާތީ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދި ސްޓާފުންނެއް ނުލިބޭ، މިފަދަ މަސައްކަތްތައް ކުރުމަށް ލޯޔަރުން ވެސް ބޭނުންވޭ. މަސައްކަތްތައް މިހާރު ކުރަމުން މިދަނީ ކޮމިޝަންގެ މެމްބަރުން. އެހެންވީމާ އެމަސައްކަތް ނިމޭނެ މުއްދަތެއް ސީދާ ދަންނަވާކަށް އަދި ނޭނގޭ،" ޝަހީބު ވިދާޅުވި އެވެ.

ޝަހީބު ވިދާޅުވީ ފްރެކްއެންސީ އާއި ލައިސަންސް ދޫކުމުގެ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ، ކޮމިޝަން އުފެދުނު ފަހުން މިހާތަނަށް ދެތިން ހަތަރު ފަރާތަކުން ލައިސަންސް ހޯދުމަށާއި މައުލޫމާތު ހޯދުމަށް ހުށައަޅާފައިވާ ކަމަށެވެ.

"ބައެއް ފަރާތްތަކުން އެބަހުރި ސިޓީން ހުށައަޅާފައި. ފޯނުން ވެސް ބައެއް ފަރާތްތަކުން އަންނަނީ މައުލޫމާތު ސާފުކުރަމުން." ޝަހީބު ވިދާޅުވި އެވެ.