29 Apr 2010, 12:13
14:30
ރާއްޖެއާއި އިންޑިޔާއާ ދެމެދު މަތީ ތަޢުލީމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިޔާގެ ބޮޑުވަޒީރު މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ، ބޫޓާނުގެ އިއްޔެ ފެށުނު 16 ވަނަ ސާކް ސަމިޓްގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ސާކު ސަމިޓް ހިނގަމުންދާ ބޫޓާނުގެ ގްރޭންޑް އެސެމްބްލީ ހޯލުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިންޑިޔާއާ ދެމެދު މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހި ކުރެއްވުމާއި، ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ކުރިއެރުވުމަށް އިންޑިޔާގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރު މަންމޯހަން ސިންހް މަޝްވަރާ ކުރެއްވި އެވެ.
މި ގޮތުން، ރާއްޖޭގައި ކޮލެޖް ލެކްޗަރަރއިން ލިބުމުގެ ދަތިކަން ފޫބެއްދުމަށް، އިންޑިޔާގެ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.
މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިކަން ފޫބެއްދުމަށް، އިންޑިޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައި ބޮޑުވަޒީރު މަންމޯހަން ސިންހް ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ރާއްޖޭގައި ހިންގަމުންދާ އައި.އެމް.އެފް.ގެ ޕްރޮގްރާމް ހިނގަމުން ދާގޮތުން މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ ބޮޑުވަޒީރަށް އެރުއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ ވަރަށް ގިނަ ކުންފުނިތަކަކުން ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ ކަމަށާއި، އިތުރު ކުންފުނި ތަކުންވެސް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމުގައި ވިދާޅުވި އެވެ. އަދި މިއީ ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން ދާކަމުގެ ނިޝާނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިޔާގެ ބޮޑުވަޒީރު، މޫސުމަށް އަންނަ ބަދަލުތަކާއި، ދެ ޤައުމުގެ ދެމެދުގައި ސަލާމަތީ ކަންކަމުގައި އެއްބާރުލުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާބެހޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.