ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގައި އެމްއެމްޕީއާރްސީގެ 1.2 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވި މައްސަލައިގެ ތަހުގީގަށް ދައުލަތުގެ މާލީ އިދާރާތަކުން މައުލޫމާތު ހޯދަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގަށް މާލީ އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ޓޫރިސްޓް ރިސޯޓުތައް ތަރައްގީ ކުރުމަށް ކޮރަޕްޝަންގެ ތެރެއިން ރަށްތަކާއި ފަޅުތައް އެކި ފަރާތްތަކަށް ދޫކުރި މައްސަލަތަކުގެ ތަހުގީގު މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެ ފައިސާތަކަށްވީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް ކަމަށް ލުތުފީ ވިދާޅުވި އެވެ.

ފައިސާތަކަށްވީ ގޮތް ބެލުމަށް ޓަކައި ރާއްޖެ އިން ބޭރުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ ފަޅުތަކާއި ރަށްތައް ދޫކުރި މައްސަލައިގެ ތަހުގީގު ނިމިފައިވީނަމަވެސް މުޅި މައްސަލައިގެ ތަހުގީގު ނިނިމެނީސް އެ މައްސަލަތައް ޕީޖީ އޮފީހަށް ނުފޮނުވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާ ސުވާލުކޮށް ބަޔާންނެގިތާ މިހާރު އެތައް ދުވަހެއް ވެއްޖެ އެވެ.

ޓޫރިސްޓު ރިސޯޓުތައް ތަރައްގީ ކުރުމަށް ކޮރަޕްޝަންގެ ތެރެއިން އެކި ރަށްތަކާއި ފަޅުތައް އެކި ފަރާތްތަކަށް ދޫކުރި މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރީ ފުލުހުންނެވެ. ފުލުހުން ވަނީ އެ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ އޭސީސީގެ ތަހުގީގު ނިންމައި އެ އޮފީހަށް ފޮނުވުމުން ކަމަށެވެ.