ށ. ފުނަދޫ އާއި ހދ. ކުޅުދުށްފުށީ އެއާޕޯޓް ތަރައްގީ ކުރުމަށް ޓަކައި ބިން ހިއްކައިދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ބީލަންތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ ބީލަންތައް ބާތިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އަލުންއިއުލާނުކޮށްފި އެވެ.

އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.

ފިނޭންސް މިނިސްޓްރީ އިން އިއްޔެ ކުރިއިއުލާނުގައިބުނީ ފުނަދޫ އެއާރޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 330,000 ރުފިޔާ އަދި ކުޅުދުށްފުށި އެއާޕޯޓަށް ބިޑު ސެކިއުރިޓީގެ ގޮތުގައި 287,000 ރުފިޔާ ބަހައްޓަން ވާނެ ކަމަށެވެ.

އެ މިނިސްޓްރީ އިން މާޗު މަހު ކުރި އިއުލާނުގައި ބުނެފައި ވަނީ އެ ދެ ރަށުގެ ބިން ހިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި ކޮންމެ ރަށަކަށް 330,000 ރުފިޔާ ބަހައްޓަންވާނެ ކަމަށެވެ.

ފިނޭންސުން ބުނީ ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ. ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓް ކަމަށާއި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓު، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ފިނޭންސުން ބުނީ ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓަރީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން HC01-2, HC01-1 ގްރޭޑުތަކުގެ ތެރެއިން ގްރޭޑަކަށް ފެތޭ ކުންފުންޏަކަށް ކަމަށެވެ.

ބީލަމެއްގައި ބައިވެރިވުމަށް 1,500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށް ވެސް ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

ފިނޭންސުގެ އިއުލާނުގައި ބުނެފައި ވަނީ، އެ ދެ ބީލަމުގައި ވާދަކުރަން ބޭނުންވާ ފަރާތަކުން، ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއްވާ ނަމަ އެ ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާ އެކު ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި އެ ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީހުގެ ކުރިޔަށް ބަންދުނޫން 10 ދުވަހަށް ވުރެ އިތުރުނޫން ތާރީހެއްގެ ލިޔުމަކަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ފިނޭންސުން ބުނީ އެ ޕްރޮޖެކްޓުތަކުގެ ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ.