16 May 2016, 10:37
މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާ އިރު މި އަހަރު އޭޕްރީލް މަހު ރާއްޖެ އަށް މުދާއެތެރެކުރި މިންވަރު 20 ޕަސެންޓް އިތުރުވެ، ބޭރު ގައުމުތަކަށް މުދާ އެކްސްޕޯޓްކުރި މިންވަރު ދެޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސް އިން އާންމުކޮށްފައިވާ އޭޕްރީލް މަހުގެ އިމްޕޯޓް އެކްސްޕޯޓް ރިޕޯޓް ދަށްކާ ގޮތުން މިދިޔަ އޭޕްރީލް މަހު ރާއްޖެ އަށް އެތެރެކޮށްފައިވާ މުދަލުގެ އަގަކީ 3.1 ބިލިއަން ރުފިޔާ އެވެ. އެކްސްޕޯޓް ދެ ޕަސެންޓް ދަށަށް ދިޔަ އިރު އެއީ 388.6 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
އެ ރިޕޯޓުގައި ކަސްޓަމްސް އިން ބުނީ ރާއްޖެ އަށް މިދިޔަ މަހު މުދާ އެތެރެކުރި މިންވަރު އިތުރުވެފައި ވަނީ މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބުރިޖްގެ މަސައްކަތަށް އެތެރެކުރި ސާމާނާއި އެ މުއްދަތުގެ ތެރޭގައި އަސްކަރިއްޔާ އަށް އެތެރެކުރި ހެލިކޮޕްޓަރާއި އޭގެ ބައިތަކަށް ކަމަށެވެ.
ކަސްޓަމްސް އިން ބުނީ މިދިޔަ އެޕްރީލު މަހު ރާއްޖެ އަށް އެންމެ ގިނަ މުދާ އިމްޕޯޓުކޮށްފައި ވަނީ އިންޑިއާ އަދި ޗައިނާ އިން ކަމަށެވެ. އެގޮތުން އިންޑިއާ އިން ގެނައި މުދަލުގެ އަގު 552.6 މިލިއަން ރުފިޔާ އަށް އަރާ އިރު، ޗައިނާ އިން ގެނައި މުދަލުގެ އަގު 466.2 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ތަފާސް ހިސާބު ރިޕޯޓުން ދައްކަ އެވެ.
މިދިޔަ މަހު ތިން ވަނަ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ސިންގަޕޫރުންނެވެ. އެއީ 385.5 މިލިއަން ރުފިޔާގެ މުދާ ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކަ އެވެ. އޭގެ އިތުރުން ޔޫއޭއީ އިން 329.7 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު ސްރީލަންކާ އިން ވަނީ 157.3 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ.
އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމަށް ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ އެޕްރީލު މަހާ އަޅާބަލާ އިރު މިއަހަރު އެޕްރީލު މަހު 11 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން ފާއިތުވި އެޕްރީލު މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 209.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ކުރީ އަހަރުގެ އެޕްރީލު މަހު ލިބިފައި ވަނީ 188.7 މިލިއަން ރުފިޔާ ކަމަށް އެއިދާރާ އިން ބުންޏެވެ.