އެކި މީހުންގެ ފޭސްބުކް އެކައުންޓުތައް ހެކްކޮށް އިސްލާމްދީނާ ޚިލާފު ލިޔުންތައް ޝާއިއުކުރާ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅިފައިވާތީ އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަތަކުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ބުނެފައެއް ނުވެއެވެ.

ސީއެޗްއެސްއީގެ ބައެއް ދަރިވަރުންގެ އެކައުންޓުތައް ވެސް ހެކްކޮށްފައި ވެއެވެ. ހެކްކުރުމަށްފަހު އެ ދަރިވަރުންގެ އެކައުންޓުން އެހެން މީހުންނާ ޗެޓްކޮށް އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ދައްކަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.

ސަން އަށް މައުލޫމާތު ދެމުން ސީއެޗްއެސްއީގެ ދަރިވަރަކު ބުނީ އޭނާގެ ފޭސްބުކު އެކައުންޓު ހެކްކުރުމުން ދެވަނަ ފަހަރަށް އާ އެކައުންޓެއް ހުޅުވުމުން އެ އެކައުންޓުވެސް މިހާރު ހެކްކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ދެވަނަ އެކައުންޓު ވެސް މިހާރު ވަނީ ހެކްކޮށްފައި. ހެކްކުރުމަށްފަހު އިސްލާމްދީނާ ޚިލާފު ސްޓޭޓަސްތައް އަޕްޑޭޓް ކުރަމުންދަނީ. އަދި އެހެން މީހުންނާ ޗެޓްކޮށް އިސްލާމްދީނާ ޚިލާފު ވާހަކަތައް ދައްކަމުން ދަނީ،" ސީއެޗްއެސްއީގެ ދަރިވަރު ކިޔައިދިނެވެ.