ބޮގޯޓާ(މޭ 16): ކޮލަމްބިއާ އިން މީގެ ކުރިން އެއްފަހަރާ އަތުލައިގަނެފައި ނުވާ މިންވަރަށް އިއްޔެ އެގައުމުން ކޮކެއިން އަތުލައިގަނެފައިވާ ކަމަށް ކޮލަމްބިއާގެ ފުލުހުން ބުނެފި އެވެ.

ކޮލަމްބިއާގެ ހުޅަނގުއުތުރުގައި އޮންނަ ޓާބޯ ކިޔާ ޓައުނެއްގެ ދޮންކެޔޮ ދަނޑެއްގައި ފޮރުވާފައި ހުރި ކޮކެއިންގެ ބަރުދަން އަށް ޓަނަށް އަރާކަމަށާއި އޭގެ އަގު 240 މިލިއަން ޑޮލަރާ ގާތް ކުރާނެ ކަމަށް ކޮލަމްބިއާގެ ފުލުހުން ބުންޏެވެ.

ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތުދޭގޮތުގައި ފުލުހުން ހޯދާފައިވާ ކޮކެއިން ނިސްބަތްވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެގައުމުގެ ގޭންގެއް ކަމަށްވާ ކްލޭން އުސާގާ އަށެވެ. ފާއިތުވި ފަސް އަހަރު ތެރޭގައި އެގޭންގަށް ނިސްބަތްވާ 6،700 މެމްބަރުން ހައްޔަރުކޮށްފައިވާ އިރު، މިހާރުވެސް ގޭންގުގައި 2،000 ވަރަކަށް މެމްބަރުން ހަރަކާތްތެރި ވަމުންދާ ކަމަށް ކޮލަމްބިއާގެ ފުލުހުން ބުނެފައިވެ އެވެ.

މަސްތުވާތަކެތި ހޯދަން ކުރި މަސައްކަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު ތިން މީހަކު ހައްޔަރު ކުރުމުގެ ކުރިން ފިލާފައިވާ ކަމަށް ކޮލަމްބިއާގެ ފުލުހުން އާއްމު ކުރި ބަޔާނެއްގައިވެ އެވެ. (ބީބީސީ)