16 May 2016, 09:32
މާކިއުރީ އެޗްއޭއެފް އައިލެންޑް ކަޕްގެ ޗެމްޕިއަން ކަން ތ. ތިމަރަފުށި ބަލިކޮށް ބ. ހިތާދޫ ހޯދައިފިއެވެ.
ކުޅިވަރު އެކުވެނީ ވެލި ދަނޑުގައި ކުޅުނު ފައިނަލް މެޗު ފޯރިގަދަ ކުޅުމަކަށްފަހު ހިތާދޫ ކާމިޔާބުކުރީ 1-0ގެ ނަތީޖާ އަކުން އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށި ބަލިކޮށްގެންނެވެ. ހިތާދޫ ޓީމަށް ޗެމްޕިއަންކަން ހޯދައިދިން ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފްގައި އަލީ ހައިޝަމްއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ހައިޝަމްއެވެ.
ފޯރި ގަދަ މެޗު ތަކެއް ފެނިގެން ދިޔަ އައިލެންޑް ކަޕް އިއްޔެ ނިމުނު އިރު އެ މުބާރާތުގެ އެންމެ ފާހަގަ ކޮށްލެވޭ ސަޕޯޓެއް ދިން ޓީމަކަށް ހޮވުނީ ހިތާދޫ ޓީމުގެ ސަޕޯޓަރުންނެވެ. ފެއާޕްލޭ ޓީމަކަށް ދ. މާއެނބޫދޫ ޓީމް ހޮވުނު އިރު ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ރ. އަލިފުށި ޓީމުގެ މުޙައްމަދު ރަޝީދުއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް މާއެނބޫދޫގެ މުޙައްމަދު ޝާހް ހޮވުނު އިރު އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ހިތާދޫ ޓީމްގެ ގޯލު ކީޕަރު އަހުމަދު އިސްމާއިލް އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހިތާދުއަށް ތަށި ހޯދައިދިން ކޯޗު މަޒްހަރު އަބްދުﷲ އެވެ.
އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ހިތާދޫ ޓީމުގެ ހުޒެއިފަތު ރަޝީދު އާއި އަޙްމަދު ހުސައިން އާއި ތިމަރަފުށީ ޓީމުގެ އިބްރާހީމް ހަމްދާން އާއި އިބްރާހީމް ޝިނާންގެ އިތުރުން އަލިފުށީ ޓީމުގެ އިސްމާއީލް މަމްދޫހް އެވެ.
އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނަށް ހޮވުނީ 12 ލަނޑު ޖެހި ލ. ގަމް ޓީމުގެ އަޙްމަދު ހަލީމް އާއި ދ. މާއެނބޫދޫ ޓީމުގެ މުޙައްމަދު ޝާހް އެވެ.
ރައިޒިން ސްޓާސް ފޯ ވިލުފުށީ ރެކްރިއޭޝަން ކުލަބުގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގައި މި އަހަރު 32 ޓީމް ބައިވެރިވިއިރު މުބާރާތް ކާމިޔާބް ކުރި ހިތާދޫ ޓީމަށް ވަނީ 50.000 ރުފިޔާގެ ފައިސާގެ އިނާމް ދީފައެވެ. އަދި ދެވަނައަށް ދިޔަ ތިމަރަފުށީ ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ދީފައެވެ.