16 May 2016, 09:50
މެނީލާ(މޭ 16): މިދިޔަ ހަފްތާގައި ފިލިޕީންސުގައި އޮތް ރިޔާސީ އިންތިހާބުން ކުރި ހޯއްދެވި ރޮޑްރީގޯ ޑުޓާޓޭގެ ވެރިކަމުގައި، އެގައުމުގައި އަނެއްކާވެސް މަރުގެ ހުކުމް ތަންފީޒުކުރަން ފަށާނެ ކަމަށް ޑުޓާޓޭ ވިދާޅުވެއްޖެ އެވެ.
މަރުގެ ހުކުމް ކުރުން 2006 ވަނަ އަހަރު ހުއްޓާލި ފިލިޕީންސުގައި އަނެއްކާވެސް މަރުގެ ހުކުމް ކުރަން ފަށާނީ އެގައުމުގެ ކޮންގްރެސްގެ ތާއިދާ އެއްކޮށް ކަމަށް ޑުޓާޓޭ ވިދާޅުވި އެވެ.
"އަޅުގަނޑު ހަދާނެ ގޮތަކީ ދަންޖައްސައިގެން މަރުގެ ހުކުމް ކުރުން އަނެއްކާވެސް ގައުމަށް ގެންނަށް ކޮންގްރެސްއަށް ބާރު އަޅާނީ. އަދި ހައްޔަރު ކުރަން އުޅުމުން އެކަމާ ދެކޮޅަށް ގަދަދައްކާ މީހުންނާއި ރާވައިގެން ކުށް ކުރާ މީހުންގެ ގަޔަށް ބަޑި ޖަހަން ފުލުހުންނަށް އަންގާނީ،" ޑަވާއޯ ސިޓީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑުޓާޓޭ ވިދާޅުވި އެވެ.
ޑަވާއޯ ސިޓީގެ މޭޔަރުކަން ކުރައްވަމުން ގެންދަވާތާ 22 އަހަރުވެފައިވާ ޑޫޓާޓޭ ކުށްވެރިންނާ ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން އޭނާ މަޝްހޫރުވެފައި ވަނީ "އަދަބުދޭ މީހާ"ގެ ނަމުންނެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގުރޫޕުތަކުން ވަނީ ޑުޓާޓޭގެ މޭޔަރުކަމުގެ ދަށުގައި އެތައް ސަތޭކަ ކުށްވެރިން މަރާލާފައިވާ ކަމަށް ބުނެފަ އެވެ.
ހައަހަރުގެ ދައުރަކަށް ޑުޓާޓޭ ރައީސް ކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ 30ގަ އެވެ. (ބީބީސީ)