16 May 2016, 08:47
ސިންގަޕޫރުގެ އިގްތިސާދުގެ އެންމެ ވަރުގަދަ ބިނާއަކީ އެ ގައުމުގެ މައި އެއާޕޯޓް ކަމަށާއި އެ މިސާލަށް ބަލައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
އައިއެންއައިއޭއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ "މައިބަދަ"އަކީ ފަތުރުވެރިކަން ކަމަށާއި އެ ސިނާއަތަށް ދެވެން އޮތް ހިދުމަތް ރަނގަޅު ކުރެވޭނީ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށްގެން ކަމަށެވެ.
އަހަރަކު ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ގޮތަށް އައިއެންއައިއޭ ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ސިންގަޕޫރުގެ އިގްތިސާދު މިސާލަކަށް ބަލަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އައިއެންއައިއޭ ތަރައްގީ ކުރުމުގައި ސިންގަޕޫރުގެ ސިޔާސަތު މިސާލަކަށް ބަލަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ޒަމާނުގެ އިގްތިސާދުގެ މޮޑެލެއްގެ ގޮތަށް އަޅުގަނޑުމެން ދަސްކޮށްފައި ހުންނަ ފިލާވަޅުތަކުން މި ފެންނަނީ ސިންގަޕޫރު. އެހެންވީމަ ސިންގަޕޫރުގެ ވާހަކަ މިރޭ ވެސް މި ދައްކަނީ. ސިންގަޕޫރުގެ ވާހަކަ ދައްކާއިރު ތިން ވަނަ ޓާމިނަލް ނިމިގެން، ހަތަރު ވަނަ ޓާމިނަލް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށިގެންދާނެ. އަބަދުވެސް އެ މީހުންގެ ވިސްނުން މި ހުންނަނީ 20 އަަހަރަށް. އެއާޕޯޓަކީ އެ މީހުންގެ އިގްތިސާދުގައި އެންމެ ވަރުގަދަ ބިނާ ކަމުގައި އެ މީހުން ދެކިގެން މަސައްކަތް ކުރަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
"އޭގެ މާނައަކީ ސިންގަޕޫރުގައި ކުރާ ހުރިހާ ކަމެއް އަޅުގަނޑުމެން ފުރާނާ ނުލައި އަޅުގަނޑުމެން ބަލައިގަންނަނީއަކީ ނޫނޭ."

ސިންގަޕޫރުގެ ރިޒާވުމުގައި އެތައް ހާސް ބިލިއަން ޑޮލަރެއް މިއަދު ހުރުމަކީ އެ ގައުމު ހާސިލްކޮށްފައިވާ މަގާމާ ދޭތެރޭގައި ފިލާވަޅު ލިބިގަންނަންޖެހޭ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިންގަޕޫރުގެ އިގްތިސާދު "ނަކަލު ކުރެވޭތޯ" މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ރާއްޖެއިން ފިލާވަޅު ނަގަން އެންމެ ރަނގަޅު ގައުމަކީ ސިންގަޕޫރު ކަމަށާއި ގުދުރަތީ ވަސީލަތްތައް މަދު އެ ގައުމުން ވޭތުވެދިޔަ 50 އަހަރު މުޅި ދުނިޔެއަށް ފިލާވަޅު ނަގައިދީފައިވާ ކަމަށްވެސް ރައީސް ޔާމީން ރޭ ވިދާޅުވި އެވެ.
"ޑިމޮކްރަސީ އަށަގެންނެވުމަށްޓަކާ ނުވަތަ ޑިމޮކްރަސީ ފިލާވަޅުތައް އެމްބްރޭސް ކުރުމަށް އެންމެ މުހިންމު ކަމަކަށް ވެގެން މި ދަނީ އަޅުގަނޑުމެން އަހްލާގު ދަސްކުރުން. މި ޒަމާނުގެ ދައުލަތް ތަކަށް ބަލާކަމުގައިވާނަމަ މި ނަމޫނާ ރައްޔިތުންނަަށް ސިންގަޕޫރަށް ވުރެ ރަނގަޅަށްކޮށްދީފައި އޮތް ދައުލަތެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެއްވެސް ދައުލަތެއް ނުފެނޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީއަށް އަމަލު ކުރެވޭނީ ކެތްތެރިކަމާއި އިހްތިރާމާއި ތަފާތު ހިޔާލުތަކާއެކު އުޅެން ދަސްކޮށްގެން ކަމަށެވެ. ބޮޑެތި ޖަރީމާ ހިންގާ މީހުންނާއި ހައްގުތަކަށް އަރައިގަންނަ މީހުންނަށް އަދަބު ދޭންޖެހޭނެ ކަމަށާއި އެކަން ކުރުމަކީ މުޖުތައުމު އިސްލާހުވުމަށް އެޅޭނެ ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.