15 May 2016, 23:04
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އިބްރާހިމް ނާސިރު އިންޓަނެޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިނުމަކީ އިގްތިސާދީ ގޮތުން ކުރި ޖިނާއީ ކުށެއް ނުވަތަ އިކޮނޮމިކް ކްރައިމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)ގެ 50 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރު ކުންފުންޏަށް ދިން ފަހުން، ކޮންސެޝަން ފީގެ ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ލިބުނީ އެންމެ 16 މިލިޔަން ރުފިޔާ ކަމަށެވެ.
"މިއަދު ވިޔަފާރިކުރާ އާދައިގެ ޕްރައިވެޓް ކުންފުންޏެއްގެ ވެސް އަހަރެއްގެ ޓާންއޯވާ 16 މިލިޔަނަށް ވުރެ އިތުރު ވާނެ. އެހާ ކުޑަކުޑަ އެއްޗެއް، ރާއްޖޭގެ ފަޚުރެއްގެ ގޮތުގައި، އެހާ ގިނަ ދިވެހީންގެ ލެޔާ ދާ އޮހޮރުވައިގެން ބިނާކުރި މި އެއާޕޯޓު، އަޅުގަނޑުމެންގެ އިސްތިގުލާލާ މިނިވަންކަމާ އެހާ ގުޅި ލާމެހިފައި އޮތް އެއާޕޯޓު ދޫކޮށްލީމާ ލިބުނު ވާހަކަ މި ދައްކަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ޖީއެމްއާރު ކުންފުނި އަތުން އެއާޕޯޓު ހޯދައި، އެތަނުގެ މުޅި މެނޭޖްމެންޓާ އެމްއޭސީއެލް ހަވާލު ވި އަހަރު، އެމްއޭސީއެލްއަށް ފައިދާގެ ގޮތުގައި އެއް ބިލިޔަން ރުފިޔާ ލިބުނު ކަމަށެވެ.
ރައީސް ނަޝީދު ސަރުކާރުން ޖީއެމްއާރާ އެއާޕޯޓު ހަވާލު ކުރި ކުރުމަށް އިޝާރާތް ކުރައްވައި، ރައީސް ޔާމީން ވިދާޅުވީ އިގްތިސާދީ ގޮތުން ބުނާ ނަމަ އެއީ އިކޮނޮމިކް ކްރައިމެއް ކަމަށޭވެ.
"މިއީ އިކޮނޮމިކް ކްރައިމަކަށް ނުވާނަމަ ދެން އިކޮނޮމިކް ކްރައިމަކަށް ވާނީ ކޮން ކަމެއްކަން ވެސް ނޭނގޭ. 16 މިލިޔަން ރުފިޔާ. އެއް ބިލިޔަން ރުފިޔާ. ކޮބާތޯ ތަފާތު. 984 މިލިޔަން ރުފިޔާ. މިއަށް ވުރެ ބޮޑު އިކޮނޮމިކް ކްރައިމެއް ނޯންނާނެ. މި ވެސް ދައުލަތަކުން އެޅި ފިޔަވަޅެއް. މި ވެސް ދައުލަތަކުން ނިންމައި، އޭގެ މައްޗަށް އެންމެން ތަބާވެގެން ތިބި ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، 16 މިލިޔަން ރުފިޔާއިން އެއް ބިލިޔަން ރުފިޔާއަށް، އެއާޕޯޓުން އެމްއޭސީއެލްއަށް ލިބުނު ފައިދާ އިތުރު ކުރެވިފައިވާ އިރު، އެ އަދަދު ޑޮލަރުން ގެނައުމަށް ސަރުކާރުން އުންމީދު ކުރާ ކަމަށެވެ.