15 May 2016, 21:47
ގައުމު ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ބަދަލުގައި "ކިޔަވައި ވިދާޅުވުމަށް" އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ކުރާ ދަތުރުގެ މާލިމީއަކަށް ހުންނެވި ރައީސް އަބްދުﷲ ޔާމީނަކީ، ދުރު ވިސްނޭ، އަދި ހަލަބޮލިކަމުގެ ފުރުސަތު އޮތްކަން ދަންނަ ލީޑަރެއް ކަމަށެވެ.
"ރާއްޖޭގެ ތަރައްގީއަށް ކުރާ ދަތުރުގެ މާލިމީއަކަށް ހުންނެވީ ދުރު ވިސްނޭ، ރާއްޖެއަށް ޓާބިއުލެންޓް، ހަލަބޮލި މޫސުމެއް ކުރިމަތީގައި އޮތްކަން، އެތެރެއާ ބޭރުން އަދި އެންމެ އެތެރެއިން ވެސް އެ ތެޅުން އެބަ އޮތްކަން ދަންނަ ހުށިޔާރު ސިޔާސީ ލީޑަރެއް،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ގައުމު ހިންގުމަށް ކުރާ މަސައްކަތަށް އުނދަގޫ ކުރުމުގެ ނިޔަތުގައި ކުރާ އެއްވެސް ކަމަކީ ގައުމީ ބޮޑު ކުށެއް ކަމަށެވެ. ރާއްޖޭގެ ކުރީގެ ވެރިއެއް ނަމަވެސް، ނުވަތަ އެއްވެސް ދުވަސްވަރެއްގައި ވެރިކަން ކުރެއްވި ފަރާތެއް ނަމަވެސް އެފަދަ އަމަލެއް ކޮށްފިނަމަ އެއީ ގޯސް އަމަލެއް ކަމަށް ސައީދު ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް އަމާޒު ކުރައްވައި، އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އިނގިރޭސި ވިލާތުގައި، ނުވަތަ ދުނިޔޭގެ އެހެން ތަނެއްގައި ނަމަވެސް ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ގައުމު ހިންގަވާ ގޮތާ ދޭތެރޭ އުނދަގޫ ކުރައްވާ ބޭފުޅުން ކިޔަވާ ވިދާޅުވުމަށް ގޮވާލައްވާ ކަމަށެވެ.
"އިނގިރޭސި ވިލާތުގައި ތިއްބެވުމުގެ ބަދަލުގައި، އަދި އެއްވެސް ދިމާލެއްގައި ހުންނަވައިގެން ވިޔަސް ރައީސް ގައުމު ހިންގަވާ ގޮތަށް ދޭތެރޭ އުނދަގޫފުޅު ކުރައްވާ ނަމަ އެބޭފުޅަކަށް އަޅުގަނޑު ދަންނަވާނީ، ދީނީ ގޮތުން ދީން އަޅުގަނޑުމެންނަށް ފުރަތަމަ ގެނެސްދިން ބަހަކީ 'އިޤްރައު'. ރީޑް. ކިޔަވާށޭ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، އެކަން ރާއްޖޭގައި ވެސް ކުރެވޭނެ ފަދަ ކޮލެޖުތަކާ މަދަރުސާތައް ހުންނާނެ ކަމަށެވެ.
"މިގައުމުގައި ވެސް އެބަހުރި ކޮލެޖުތަކާ، މަދަރުސާތަކާ ކިޔެވުން އުގަންނައިދޭ ތަންތަން. 'އިޤްރައު'، ރީޑް. ﷲ އަންގަވާފައިވާ އެންގެވުމާ އެއްގޮތަށް މިބޭފުޅުންވެސް ހައްގަށް ރުޖޫއަވުމަށް އަޅުގަނޑު ގޮވާލަން،" ސައީދު ވިދާޅުވި އެވެ.