15 May 2016, 21:37
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗަސްޓާ ޔުނައިޓެޑް އާއި އޭއެފްސީ ބޯންމައުތު މި ސީޗަނުގައި ކުޅޭ ފަހު މެޗު އޯލްޑް ޓުރެފޯޑްގައި ފެށުމަށް ކުޑަތަން ވެފައި ވަނިކޮށް ސަލާމަތީ ސަބަބުތަކަކަށް ޓަކައި ފުލުހުންގެ އެދުމުގެ މަތުން މެޗު ފަސްކޮށްފި އެވެ.
މެޗު ފެށުމަށް 25 މިނެޓަށް ވެފައިވަނިކޮށް އޯލްޑް ޓްރެފޯޑް ދަނޑު ތެރެއިން ފެނުނު ގޮވާ ޒާތުގެ އެއްޗެއް ފެނުމާ ގުޅިގެން ފުލުހުން ވަނީ ދެ ޓީމްގެ ކުޅުންތެރިންނާއި ސްޕޯޓަރުން ދަނޑުން ބޭރަށް ނެރެ، މުޅި ދަނޑު ފާސްކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މެންޗަސްޓާ ޔުނައިޓެޑް އާއި އޭއެފްސީ ބޯންމައުތު މިރޭ ކުޅެން ހަމަޖެހިފައިވާ މެޗު ފެށުމުގެ ކުރުން ދަނޑުން ގޮވާ ޒާތުގެ އެއްޗެއް ފެނުމުން ފުލުހުން ހަރަކާތްތެރި ވަނީ --- ފޮޓޯ: އޭޕީ
މެންޗަސްޓާގެ ފުލުހުން ބުނީ ދަނޑުތެރެއިން ފެނިފައި ވަނީ ރިމޯޓް ބޭނުންކޮށްގެން ގޮއްވާލަން ތައްޔާރު ކޮށްފައިވާ ޑިވައިސްއެއް ކަމަށާއި ކަމާ ބެހޭ މާހިރުންގެ އެހީގައި އެ ޑިވައިސް ދަނޑުން ނެރެ ނުގޮވާ ގޮތް ހަދާފައި ކަމަށެވެ.
ޔުނައިޓެޑުން ބުނީ ބޮމެއް ކަމަށް ޝައްކުކުރެވޭ ޒާތުގެ އެއްޗެއް ދަނޑުތެރެއިން ފެނުމުގެ ސަބަބުން ފުލުހުންގެ އެދުމުގެ މަތިން މިރޭގެ މެޗު ނުކުޅެން ނިންމާފައިވާ ކަމަށާއި އެ މެޗު ކުޅޭނެ ތާރީހެއް ޕްރިމިއާ ލީގުން ފަހުން އަންގާނެ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި ޔުނައިޓެޑް އާއި ބޯންމައުތު މެޗު ފިޔަވައި އެހެން ހުރިހާ މެޗެއް ކުޅެނިމުނު އިރު މެންޗަސްޓާ ޔުނައިޓެޑް އޮތީ ކުޅުނު 37 މެޗުން 63 ޕޮއިންޓް ލިބިގެން ތާވަލުގެ ހަ ވަނައިގަ އެވެ. ނަމަވެސް އެ ޓީމް ބޯންމައުތުއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް ގަދަ ހަތަރެކަށް އެރުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފަ އެވެ.