އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާ އެސްޓަން ވިލާ ކުޅުނު މެޗު ބެއްލެވުމަށް، އިނގިރޭސި ވިލާތުގައި ހުންނެވި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމަށް ވަޑައިގެންފި އެވެ.

ރައީސް ނަޝީދުގެ ރަސްމީ ފޭސްބުކް ޕޭޖުގައި، އެމަނިކުފާނު ވަނީ އެމިރޭޓްސް ސްޓޭޑިއަމްގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ޕޯސްޓް ކުރައްވައިފަ އެވެ.

ރައީސް ނަޝީދު މެޗު ބެއްލެވުމަށް ސްޓޭޑިއަމަށް ވަޑައިގެންނެވީ، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއެކު އެވެ. އަލީ ވަހީދު ވެސް ވަނީ، ރައީސް ނަޝީދާއެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓު ކުރައްވައިފަ އެވެ.

އާސެނަލްއާ އެސްޓަން ވިލާ މިރޭ ކުޅުނު މެޗު ކާމިޔާބު ކޮށްފައި ވަނީ ހަތަރު ލަނޑު ސުން ލަނޑުން އާސެނަލް އެވެ. އާސެނަލްއަށް ކުޅޭ ފްރާންސްގެ ސްޓްރައިކަރު އޮލިވިއޭ ޖިރޫޑް ތިން ލަނޑު ޖަހާފައިވާ އިރު، ހަތަރުވަނަ ލަނޑަކީ އެސްޓަން ވިލާގެ ކުޅުންތެރިޔާ މާކް ބަން ޖެހި އޯން ގޯލެކެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތަށް މި އަހަރުގެ ކުރީކޮޅު ވަޑައިގަތީ ބޭސްފަރުވާއަށެވެ. އެމަނިކުފާނުގެ ބޭސްފަރުވާގެ މުއްދަތު އެންމެ ފަހުން ސަރުކާރުން އިތުރު ކޮށްދީފައި ވަނީ އޭޕްރިލް 19 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.