ގައިދީންނަށް ޚާއްސަކޮށްގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މާފުށީ ޖަލުގައި ހިންގި ހަތަރު ކޯހެއް ފުރިހަމަކުރި ގައިދީންނަށް އެކަމުގެ ސަނަދު ހަވާލުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ކުށްވެރިންނަށް އަމާޒުކޮށްގެން އެފަދަ ކޯސްތަކެއް ހިންގުމުގެ މަގްސަދަކީ، ހުކުމް ތަންފީޒުކޮށް ނިމުމަށްފަހު އެ މީހުން މުޖުތަމައުގެ ތެރެއަށް އެނބުރިދާ އިރު، އެ މީހުންނަކީ އާއިލާތަކާއި މުޖްތަމައުން ބަލައިގަންނަ ބަޔަކަށް ހެދުމެވެ.

ކަރެކްޝަންސްއިން ހިންގި ހަތަރު ކޯހެއް ކާމިޔާބުކަމާ އެކު ފުރިހަމަ ކުރި ގައިދީންނަށް މިއަދު ވަނީ ސެޓްފިކެޓް ހަވާލު ކޮށްފަ އެވެ. އެގޮތުން، އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒްއިން ކުރިއަށް ގެންދިޔަ، ފެހުމުގެ ސެޓްފިކޭޓް އެކެއް ލެވެލްގެ ކޯހުގެ ފުރަތަމަ ބެޗުން 10 ގައިދީއަކު، އަދި ދެ ވަނަ ބެޗުން 12 ގައިދީއަކު ކޯސް ފުރިހަމަ ކޮށްފައިވެ އެވެ.

މީގެ އިތުރުން، އެކެޑެމީ ފޯ ޓްރެއިނިން ރީސާޗާއި އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް ގުޅިގެން ކުރިއަށް ގެންދިޔަ ވުޑް ކާވިން ކޯސް ތިން ގައިދީއަކު ފުރިހަމަ ކުރި އެވެ.

އަދި، އިންސްޓިޓިއުޓް ފޯ ހޯލީ ގުރުއާން އެންޑް ސުންނަތާ ގުޅިގެން ޤިރާއަތު ކޯހުގެ ސެޓްފިކޭޓް ލެވެލް އެކެއް އަދި ދޭއް ކުރިޔަށް ގެންގޮސްފައިވާ އިރު، ސެޓްފިކޭޓް އެކެއްގެ ތިން ބެޗުން ޖުމްލަ 66 ގައިދީއަކު، އަދި ސެޓްފިކޭޓް ލެވެލް ދޭއްގެ ކޯހުގެ ދެ ބެޗުން ޖުމްލަ 20 ގައިދީއަކު ކޯސް ފުރިހަމަ ކޮށްފައިވެ އެވެ.

މި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކޭޓް ހަވާލު ކޮށްދިނީ، ކޮމިޝަނާ އޮފް ޕްރިސަންސް އަހްމަދު ޝިހާންއާ، މެލޭޝިއާގެ ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް ޒުލްކިފްލީ ބިން އުމަރުގެ އިތުރުން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މެލޭޝިޔާގެ ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް ޒުލްކިފްލީ ބިން އުމަރު ވިދާޅުވީ، ގައިދީން ޖަލަށް އަންނަން ޖެހުމަކީ އިމްތިހާނެއް ކަމަށެވެ.

"މުޖުތަމައުގައި ގިނަ ބަޔަކު ކުށް ކުރޭ. އެކަމަކު އެންމެން ހައްޔަރު ނުކުރެވޭތީ އެންމެން ޖަލަށް އަންނަން ނުޖެހޭ. ޖަލަށް އަންނަން ޖެހުމަކީ ހަޔާތް ބަދަލުވާން ޖެހޭ ކަހަލަ ކަމެއް. މިއީ ގައިދީން ކަންކަން ދަސްކޮށް، އަލުން މުޖުތަމައަށް ނުކުތުމަށް ތައްޔާރުވާން ލިބޭ ރަނގަޅު ފުރުސަތެއް،" މެލޭޝިއާގެ ޕްރިޒަންސް ކޮމިޝަނާ ވިދާޅުވި އެވެ.