11 May 2011, 11:51
ލ. މުންޑޫގެ މުސްކުޅި ފިރިހެނަކު އެ ރަށުގައި ކިޔަވަން ހުރި އެ އަތޮޅު އެހެން ރަށެއްގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދާ މައްސަލަ އެއް ފެންމަތިވެއްޖެ އެވެ.
ސަން ކަށަވަރުވެފައިވާ ގޮތުގައި މުންޑޫ ސްކޫލްގައި ކިޔަވާ ބީރައްޓެހި އަންހެންކުއްޖާއާ ތިން ރެއެއްގެ މަތިން އެމީހާ ވަނީ ބެހި، ޖިންސީ ގޯނާތައް ކޮށްފަ އެވެ. އަދި އުމުރުން 61 އަހަރުގެ މުސްކުޅި މީހާ، ކުޑަ އަންހެންކުއްޖާއަށް ޖިންސީ ގޯނާ ކުރަމުންދާކަން ފަޅާއެރީ މިދިއަ އާދީއްތަ ދުވަހުގެ ރޭގަ އެވެ.
"މިކަން ފަޅާއެރީ މުސްކުޅި މީހާ އޭނާގެ އަންހެނުން ގާތު މަސްބާނަން ދަނީ ކަމަށް ބުނެ އިރާކޮޅު ގެއިން ނުކުތުމަށްފަހު، ގޭގެ އެންމެން ނިދާ ހިމޭންވުމުން ގެއަށް ވަދެ އަންހެން ކުއްޖާ އާ ބެހެމުން ދަނިކޮށް،" ސަންއަށް އެ ވާހަކަ ކިޔައިދިން ލ. ގަމުގައި ދިރިއުޅޭ މުންޑޫ މީހަކު ބުންޏެވެ. އޭނާ އަދި ބުނީ އާދީއްތަ ދުވަހުގެ ރޭ އަންހެން ކުއްޖާއަށް ހޭލެވުނީ މުސްކުޅި ފިރިހެން މީހާ އެ ކުއްޖާއާ ބެހެނިކޮށް ކަމަށާއި އެވަގުތު ގޭގެ ކުޑަދޮރަކުން ފުންމާލައި، މުންޑޫގައި ކިޔަވަން ހުންނަ އެ ކުއްޖާގެ ބޭބެ އެއްގާތަށް ގޮސް ހިމާޔާތް ހޯދައި އާއިލާއަށް އެކަން އެންގީ ކަމަށެވެ.
ކުޑައަންހެން ކުއްޖާގެ ބައްޕަ ބުނީ އެ ކަހަލަ މައްސަލައެއް ފެންމަތިވި ކަމަށާއި އަދި އެ ޚަބަރު ލިބިގެން މުންޑޫ އަށް ގޮސް ދަރިފުޅު އެހެން ގެއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެ އަމަލު ހިންގި ކަމަށް ބުނާ މީހާއަކީ މުސްކުޅިއަކަށް ވެފައި އެކަން ރިޕޯޓުކޮށްފިނަމަ ބޮޑު އަދަބެއް އެމީހާއަށް ލިބިދާނެ ކަމަށްޓަކައި އޭނާ މައާފުކޮށް، އަޅައި ނުލައި ދޫކޮށްލީ ކަމަށެވެ. އެމީހާ މާފަށް އެދުނު ކަމަށް ވެސް ކުޑަ ކުއްޖާގެ ބައްޕަ ބުންޏެވެ.
ފުލުހުންގެ މީޑއާ އޮފިޝަލަކު ވިދާޅުވީ އެފަދަ ރިޕޯޓެއް ލިބިގެން އެކަން ބަލަމުން އަންނަ ކަމަށާއި އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.