ދީރުއްޒޫރު (މޭ 15): އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން މިދިއަ ހޮނިހިރު ދުވަހު އަތްދަށުލި ސޫރިޔާގެ ދީރުއްޒޫރުގެ ހޮސްޕިޓަލް، އަލުން އަނބުރައި ސޫރިޔާ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފި އެވެ.

ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަންރައިޓްސް ޖަމިއްޔާއިން ބުނީ ދީރުއްޒޫރުގެ ހޮސްޕިޓަލް އަލުން ސޫރިޔާ ސަރުކާރުގެ ބާރުގެ ދަށަށް ގެންދިޔައިރު އެ ހޮސްޕިޓަލުގެ އިމާރާތް މުޅިން ކަހަލަ ގޮތަކަށް ހަލާކުވެ ފުނޑު ފުނޑުވެ ސުންނާފަތި ވެފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލް މިނިވަންކުރުމަށް ސޫރިޔާ ސިފައިން ކުރި ހަނގުރާމައިގާ އައިއެސް ޖަމާއަތުގެ އަތްދަށުން ސޫރިޔާ ސިފައިންގެ 35 މީހުން މަރުވި ކަމަށާއި އަދި ސޫރިޔާ ސިފައިންގެ ހަމަލާތަކުގައި ވެސް އެހާ ގިނަ އަދަދެއްގެ އައިއެސްގެ ހަނގުރާމަވެރިން މަރުވެފައިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސްއިން ބުނެ އެވެ.

ސޫރިޔާގެ އިރުމަތީ ޕްރޮވިންސެއްގެ ކަމަށްވާ ދީރުއްޒޫރަކީ އައިއެސް ޖަމާއަތުގެ ބާރުގަދަ ސަރަހައްދެކެވެ. އެ ޕްރޮވިންސްގައިވާ ދީރުއްޒޫރުގެ ހޮސްޕިޓަލަށް، އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން، މިދިޔަ ހޮނިހިރު ދުވަހު ހަތިޔާރާއެކު ވަދެގަނެ އެ ހޮސްޕިޓަލުގެ ބަލިމީހުންނާއި ޑޮކްޓަރުންނާއި ނަރުހުންގެ އެތަށްބަޔަކު ވަނީ މަރާލާފައެވެ.

ދީރުއްޒޫރުގެ ހޮސްޕިޓަލް މިހާއަވަހަށް އައިއެސް ޖަމާއަތުގެ އަތްދަށުން މިނިވަން ކުރެވުނީ ސޫރިޔާ ސިފައިން އެއްގަމާއި ވައިގެ މަގުން ވަރަށް ވަރުގަދަ ޙަމަލާތަކެއްދީ އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން ކަމަށާއި އެ ހޮސްޕިޓަލްގެ އިމާރާތަށް ބޮޑަށް ގެއްލުން ލިބި އަދި އައިއެސްގެ ހަނގުރާމަވެރިން އެސަރަހައްދުން ފިލީ ސޫރިޔާ ސިފައިންގެ ވައިގެ ޙަމަލާތަކުގެ ސަބަބުން ކަމަށް ވެސް ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަންރައިޓްސް އިން ބުނެއެވެ. (ރޮއިޓާސް)