15 May 2016, 17:39
ރާއްޖޭގައި އޮޕަރޭޓްކުރާ އިންޝުރަންސް ކުންފުނި އަމާނާ ތަކާފުލް މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު މާލީ ފައިދާގެ 50 ޕަސަންޓު ފައިސާ ކަމުގައިވާ 2.6 މިލިޔަން ރުފިޔާ، އެ ކުންފުނީގެ ހިއްސާދާރުންނަށް ބެހުމަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ނިންމައިފި އެވެ.
އަމާނާ ތަކާފުލްއިން މިއަދު ވަނީ، އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފަ އެވެ. އެއީ އެކުންފުނީގެ ފަސްވަނަ އަހަރީ އާންމު ޖަލްސާ އެވެ.
އަމާނާ ތަކާފުލް މޯލްޑިވްސްއަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 86 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 2014 ވަނަ އަހަރުގެ ޖުމްލަ އާމްދަނީޢާ އަޅާ ބަލާއިރު 22 ޕަސަންޓުގެ ކުރިއެރުމެކެވެ. ވިޔަފާރީގެ ހުރިހާ ގިންތިއަކުން ވެސް އެކަށީގެންވާ ނަތީޖާތަކެއް ހާސިލު ކުރެވުނު ކަމަށް އެ ކުންފުނިން ބުނެ އެވެ.
ނަމަވެސް، ޓެކްސް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 2014 އާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. އެއީ 6.2 މިލިޔަން ރުފިޔާ އެވެ. ފައިދާ ދަށްވި ނަމަވެސް، އަމާނާ ތަކާފުލުން ބުނީ، ވަރަށް އުނދަގޫ ވިޔަފާރި މާހައުލެއްގައި ކުރިމަތިވި މި އަޑިގަނޑާ އެކު ވެސް، އެ ކުންފުނިން އެހެން ދާއިރާތަކުން ދެމެހެއްޓެނެވި ކުރިއެރުން ހާސިލުކޮށްފައިވާ ކަމަށެވެ.
އަމާނާ ތަކާފުލް މޯލްޑިވްސްގެ ޑިރެކްޓަރު އުސްމާން ކާސިމް (ވ) އަދި މެނޭޖިންގ ޑިރެކްޓަރު ހަރީޒް ސުލައިމާން (ކ) -- ސަން ފޮޓޯ/ފަޔާޒު މޫސާ
އަމާނާ ތަކާފުލްގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއިން މިއަދު ނިންމާފައި ވަނީ، އެ ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 10 ޕަސަންޓު ބެހުމަށެވެ. އެއީ، އެކުންފުންޏަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ ކަމުގައިވާ 6.2 މިލިޔަން ރުފިޔާއިން 2.6 މިލިޔަން ރުފިޔާ އެވެ.
އަމާނާ ތަކާފުލްއިން ބުނީ، ޑިވިޑެންޓް ބެހުމުގެ މަގުސަދަށްޓަކައި ހިއްސާގެ ޖަޖިސްޓްރީ، 22 މެއި ވަނަ ދުވަހު ބަންދު ކުރާނެ ކަމަށާއި އެ ދުވަހުގެ ކުރިން ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ހިއްސާދާރުންނަށް ޑިވިޑެންޑް ލިބުމުގެ ޝަރުތު ހަމަވާނެ ކަމަށެވެ. އަމާނާ ތަކާފުލްގެ ހިއްސާދާރުންނަށް އިނާޔަތެއްގެ ގޮތުން އެ ކުންފުނިން ޕާސަނަލް އެކްސިޑެންޓް ކަވާ އިންޝޫރަންސް ދެ އެވެ.
އަމާނާ ތަކާފުލް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ބޭފުޅުންނަކީ އެކުންފުނީގެ ޗެއާމަން ތޮއްޔިބު އަކްބަރު އަލީއާއި މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާނާއި އުސްމާން ކާސިމް އާއި ދާތޯ މުހައްމަދު ފަޒްލީ ޔޫސުފް އާއި އެމްއެޗްއެމް ރަފީޤް އާއި ޑރ އަބްދުﷲ ޝިހާމްގެ އިތުރުން އިހްސާން ޒަހީދެވެ.