15 May 2016, 17:06
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް ވެސް ނުވުމަށް ވެސް ނިންމާފައިނުވާ ކަމަށް އެމަނިކުފާނުގެ ކުރީގެ ސެކްރެޓަރީ އާމިނަތު މައުރީނާ ބުނެފި އެވެ.
ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި މައުރީން ބުނީ ދިފާއީ ހެއްކެއްގެ ގޮތުގައި އޭނާގެ ނަން އަދީބު ހުށަހެޅުއްވިކަން އެނގުނީ މީޑިއާ އިން ކަމަށެވެ. އަދި އެއީ ކިހިނެތް ހިނގައިދިޔަ ކަމެއްކަން ނޭނގޭ ކަމަށް ވެސް މައުރީނާ ބުންޏެވެ.
"އަދީބުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށް ހާޒިރުވާން ވެސް އަދި ނުވާން ވެސް މައު ނުނިންމަން،" މައުރީނާ ބުންޏެވެ.
ދިފާއީ ހެއްކެއްގެ ގޮތުގައި މައުރީނާގެ ނަން އަދީބުގެ ފަރާތުން ހުށަހަޅުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ޚާއްސަ ކުރެވިފައިވާ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އައިއީޑީއެއް ހަރުކުރަން އެ ލޯންޗުކޮޅަށް އަރާވަޑައިގަތް އަދީބު ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާގެ ދިފާއުގައެވެ.
މައުރީންގެ ފަރާތުން ސާބިތުކުރަން އަދީބު ބޭނުންވާ ކަންކަން
- 27 ސެޕްޓެމްބަރު 2015 ވަނަ ދުވަހު އާރަށަށް ދަތުރުކުރުމަށްޓަކައި ލޯންޗެއް ހަމަޖައްސަން އަދީބު މައުރީނަށް އަންގާފައިވާކަން.
- އާރަށަށް އަދީބު ދަތުރުކުރުމަށް ވަކި ލޯންޗެއް ހަމަޖައްސަން އަދީބު، މައުރީނަށް އަންގާފައިނުވާކަން.
- އާރަށަށް އަދީބު ދަތުރުކުރުމަށްޓަކައި ލޯންޗެއް ހަމަޖެއްސުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އަންގަންޖެހޭ ފަރާތްތަކަށް އަންގާފައިވާކަން.
މައުރީންގެ އިތުރުން އިތުރު 12 މީހަކު އަދީބުގެ ފަރާތުން މިއަދު ވަނީ ދިފާއީ ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ. އެ މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.