15 May 2016, 18:15
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތަކަށް ބައެއް މީޑިއާތަކުގެ ނޫސްވެރިންނަށް ނުވަދެވޭތީ އޭނާ ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދެ ވަނަ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ބައެއް މީޑިއާތަކުގެ ނޫސްވެރިންނަށް އަދީބުގެ މައްޗަށް ކުރާ ޝަރީއަތުގެ އަޑުއެހުންތަކަށް ނުވަދެވޭ ކަމަށެވެ. އެހެންކަމުން ހުރިހާ މީޑިއާއެއްގެ ނޫސްވެރިންނަށް ވެސް އެ ޝަރީއަތަށް ވައްދައިދިނުމަށް ސިރާޖު އެދިވަޑައިގަތެވެ.
އަދީބުގެ ފަރާތުން އެގޮތަށް އެދިވަޑައިގަތުމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަހުމަދު ރަޝީދު ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ނޫސްވެރިން ތިބި ކަމަށެވެ. އަދި އަދީބުގެ އަޑުއެހުންތަކަށް ނޫސްވެރިން ނުވައްދަން ނިންމާފައި ނުވާނެ ކަމަށް ވެސް ގާޒީ އަހުމަދު ރަޝީދު ވިދާޅުވި އެވެ.
"ހަމަޖެހިފައިވާ އުސޫލުގެ މަތިން ނަންނޯޓު ކުރީމަ މި މައްސަލައަށް ނޫސްވެރިންނަށް ވަދެވޭނެ. މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހަށް ނޫސްވެރިން ނުވައްދަން ނިންމާފައިނުވާނެ،" ގާޒީ އަހުމަދު ރަޝީދު ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ބައެއް މީޑިއާތަކުގެ ނޫސްވެރިން ނުވައްދަން އިދާރީ ގޮތުން ކޯޓުން ނިންމައިފިނަމަ، އަދީބުގެ މައްސަލަތަކުގެ އަޑުއެހުންތަކަށް އެ މީޑިއާއެއްގެ ނޫސްވެރިންނަށް ނުވަދެވޭނެ ކަމަށެވެ. ސަބަބަކީ އެއީ ކޯޓުގެ ނިންމުމެއް ކަމުގައިވާތީ ކަމަށާއި އެފަދަ ކަމެއް ނެތްނަމަ ހުރިހާ މީޑިއާއެއްގެ ނޫސްވެރިންނަށް ވެސް އަޑުއެހުންތަކަށް ވަދެވޭނެ ކަމަށެވެ.