ބްރިޖު މަޝްރޫއަށް އެތެރެކުރި ތަކެއްޗާއެކު މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ނިސްބަތް 20 ޕަސެންޓް އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބްތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށްވަނީ 3.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. މިދިޔަ އަހަރު އެމުއްދަތުގައި އެތެރެކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 20 ޕަސެންޓް އިތުރު އަދަދެކެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މިންވަރު އިތުރުވީ، މާލެއާއި ހުޅުލެއާއި ދޭތެރޭ އަޅާ ބްރިޖުގެ މަސައްކަތަށް އެތެރެކުރި ސާމާނާއި ދިވެހި އަސްކަރިއްޔާއަށް ގެނައި ހެލިކޮޕްޓަރާއި އޭގެ ބައިތަކުގެ އަގު ބޮޑުބައެއް ހިއްސާކުރާތީ ކަމަށެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކުރި ގައުމުތަކުގެ ގޮތުގައި ތަފާސްހިސާބުން ދައްކަނީ ބްރިޖާއި ހެލިކޮޕްޓާ އެތެރެކުރި ގައުމުތައް ކަމަށްވާ އިންޑިޔާ އަދި ޗައިނާއެވެ. އިންޑިޔާއިން ގެނައި މުދަލުގެ އަގު ސީއައިއެފް 552.6 މިލިއަން ރުފިޔާއަށް އަރާއިރު، ޗައިނާއިން ގެނައި މުދަލުގެ އަގު 466.2 މިލިއަން ރުފިޔާއަށް އަރައެވެ. މިދިޔަ މަހު ތިންވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވާ ސިންގަޕޫރުން 385.5 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ.

ފާއިތުވި އެޕްރީލު މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު ވަނީ ދެ ޕަސެންޓް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ އެޕްރީލު މަހު 397.6 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މި އަހަރުގެ އެޕްރީލު މަހު އެ އަދަދު ވަނީ 388.6 މިލިއަން ރުފިޔާއަށް ވެއްޓިފައެވެ.

ތަފާސް ހިސާބްތައް ދައްކާގޮތުން އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ އެޕްރީލު މަހާ އަޅާބަލާއިރު ހުސްވި އެޕްރީލު މަހު 11 ޕަސެންޓް އިތުރުވެފައެވެ. އެޕްރީލު މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 209.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެޕްރީލު މަހު ލިބިފައިވަނީ 188.7 މިލިއަން ރުފިޔާއެވެ.