15 May 2016, 16:56
ގެސްޓް ހައުސްތަކާއި އެކި ވިޔަފާރިތަކަށް ހާއްސަކޮށް އިންޝުއަރަންސް ދެ ޕެކޭޖެއް އަމާނާ ތަކަފުލް އިން މިއަދު ތައާރަފްކޮށްފި އެވެ.
އަމާނާ ތަކަފުލް އިން މިއަދު ތައާރަފްކޮށްފައި ވަނީ އަމާނާ ތަކަފުލް ބިޒްނަސް ކަވާ އާއި އަމާނާ ތަކަފުލް ގެސްޓްހައުސް ކަވާ އެވެ. މޫކައި ސުއިޓްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕެކޭޖުތައް ތައާރަފްކޮށްދެއްވީ މެނޭޖިން ޑިރެކްޓާ ހަޒީޒް ސުލައިމާން އެވެ.
ގެސްޓްހައުސް ކަވާ:
އަމާނާ ތަކަފުލްގެ ބިޒްނަސް ޑިވެލޮޕްމަންޓް ސީނިއާ އެގްޒެކެޓިވް އަހުމަދު ޝަމޫލް އަބްދުﷲ ވިދާޅުވީ ގެސްޓްހައުސްތަކަކީ ވެސް ވަރަށް ބާރަށް ކުރިއަރަމުން އަންނަ ވިޔަފާރިއެއް ކަމަށާއި އެ ވިޔަފާރިއަށް ހާއްސަކޮށް ޕެކޭޖުގެ ތެރޭގައި ފަސް ކަވާއެއް ހިމެނޭ ކަމަށެވެ.
އޭގެ ތެރޭގައި ފަޔާ، ބިޒްނަސް އިންޓްރަޕްޝަން، ޕަބްލިކް ލަޔަބިލިޓީ، ބާގްލަރީ އަދި ނެޗުރަލް ޑިޒާސްޓާ ހިމެނޭ ކަމަށެވެ. އެ ކަވާތަކުގެ އިތުރުން އިތުރު ކަވާތަކެއް ގެސްޓްހައުސް ޕެކޭޖުގައި ވަނީ ހިމަނާފަ އެވެ. އެއީ މަނީ ތަކަފުލް ކަވާ، އެމްޕްލޮއީ ޕާސަނަލް އެކްސިޑެންޓް ކަވާ އަދި ޕްލޭޓް ގްލާސް ކަވާ އެވެ.
ބިޒްނަސް ކަވާ:
ބިޒްނަސް ކަވާއަކީ މީގެކުރިން ވެސް އަމާނާ ތަކަފުލް އިން ވިޔަފާރިތަކަށް ހާއްސަކޮށް ލޯންޗްކޮށްގެން ކުރިއަށްގެންދަމުން އަންނަ އިންޝުއަރަންސް ޕެކޭޖެކެވެ. ނަމަވެސް ޝަމޫލް ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ކުރިއަރަމުން އަންނާތީ އެ ޕެކޭޖަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
ބިޒްނަސް ކަވާގައި ހިމެނޭ ބައިތަކުގެ ތެރޭގައި ފަޔާ، ބިޒްނަސް އިންޓްރަޕްޝަން، ޕަބްލިކް ލަޔަބިލިޓީ، ނެޗުރަލް ޑިޒާސްޓާ ކަވާ އެވެ. އަދި ރީޓެއިލް ފިހާރަތަކަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ ތިން ކަވާއެއް އޭގައި ހިމެނެ އެވެ. އެއީ މަނީ ތަކާފުލް، އެމްޕްލޮއީ ޕާސަނަލް އެކްސިޑެންޓް އަދި ޕްލޭޓް ގްލާސް ކަވާ އެވެ.
ޝަމޫލް ވިދާޅުވީ އެ ޕެކޭޖްތަކުގައި "ފަޔާ"ގެ ނަމުގައި ހިމަނާފައިވާ ކަވާއަކީ ހަމައެކަނި އަލިފާނާ ގުޅުންހުރި ކަވާއެއް ނޫން ކަމަށެވެ.
"މީގަ ކަވާކުރޭ ވަރަށް ބައިވަރު އެއްޗިސްތައް. އޭގެ ތެރޭގައި ނެޗުރަލް ޑިޒާސްޓާސް، ފްލަޑިން އަދި މިހެންގޮސް އިމާރާތަކާ ގުޅުންހުރި ހުރިހާ ކަވާތަކެއް އަސްލު މި ފަޔާ އިންޝުއަރަންސް ތެރޭގައި ހިމެނިގެންދާނެ،" ޝަމޫލް ވިދާޅުވި އެވެ.
ޝަމޫލް ވިދާޅުވީ ޕްރިމިއަމް ކަނޑައަޅަނީ ކޮންމެ ވިޔަފާރިއެއް ވެސް ނަގާ ރިސްކު ބެލުމަށްފަހު ކަމަށެވެ. އެގޮތުން ވިޔަފާރީގެ ފުޅާކަމަށް ބަލާނެކަމަށް ޝަމޫލް ވިދާޅުވި އެވެ.