ރައީސުލްޖުމްހޫރިއްޔާ އަށް ޚާއްސަ ކުރެވިފައިވާ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އައިއީޑީއެއް ހަރުކުރަން އެ ލޯންޗުކޮޅަށް އަރާވަޑައިގަތް ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާއިން ދިފާއުވުމަށް ހެކިންގެ ގޮތުގައި އަދީބުގެ ކުރީގެ ސެކްރެޓްރީ އައިމިނަތު މައުރީނާއެކު އިތުރު 12 މީހެއްގެ ނަން ހުށަހަޅައިފި އެވެ.

އެ މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

ހދ. ނެއްލައިދޫ، ޕޫނަމް، އާމިނަތު މައުރީނާގެ ނަން ހެއްކެއްގެ ގޮތުގައި އަދީބު މިއަދު ހުށަހެޅުއްވީ ތިން ކަމެއް ސާބިތުކޮށްދިނުމަށެވެ.

މައުރީނާގެ ފަރާތުން ސާބިތުކުރަން އަދީބު ބޭނުންވާ ކަންކަން

  • 27 ސެޕްޓެމްބަރު 2015 ވަނަ ދުވަހު އާރަށަށް ދަތުރުކުރުމަށްޓަކައި ލޯންޗެއް ހަމަޖައްސަން އަދީބު މައުރީނަށް އަންގާފައިވާކަން.
  • އާރަށަށް އަދީބު ދަތުރުކުރުމަށް ވަކި ލޯންޗެއް ހަމަޖައްސަން އަދީބު، މައުރީނަށް އަންގާފައިނުވާކަން.
  • އާރަށަށް އަދީބު ދަތުރުކުރުމަށްޓަކައި ލޯންޗެއް ހަމަޖެއްސުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އަންގަންޖެހޭ ފަރާތްތަކަށް އަންގާފައިވާކަން.

މައުރީންގެ ހެކިބަހަށް ބާރު ލިބޭ ހެއްކެއްގެ ގޮތުގައި އަދީބުގެ ފަރާތުން މިއަދު ވަނީ އެމަނިކުފާނުގެ ކުރީގެ ބޮޑީގާޑު މއ. ސިގްމާ، ހަސަން ރިކާޒުގެ ނަން ހުށަހަޅާފައެވެ. ރިކާޒުގެ ހެކިބަހަށް ބާރު ލިބޭ ހެއްކެއްގެ ގޮތުގައި އެމްއެންޑީއެފްގެ ވޮރަންޓު އޮފިސަރު އަހުމަދު ޚަލީލްގެ ނަންވެސް އަދީބުގެ ފަރާތުން މިއަދު ވަނީ ހުށަހަޅާފައެވެ.

ހަމައެހެންމެ ޚަލީލުގެ ހެކިބަހަށް ބާރު ލިބޭ ހެއްކެއްގެ ގޮތުގައި އެމްއެންޑީއެފްގެ ސާޖަންޓު ފަސްޓް ކްލާސް އިސްމާއީލް މުއާޒުގެ ނަން ވެސް ވަނީ ހުށަހަޅާފައެވެ.

އޭގެއިތުރުން ހޫދު ނަމަކަށް ކިޔާ މީހެއްގެ ނަން ވެސް އަދީބުގެ ފަރާތުން ވަނީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ހޫދުގެ ފުރިހަމަނަން އެނގޭ ގޮތެއް ނުވި ކަމަށާއި އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅަނީ ދަތުރުކުރުމަށް ލޯންޗު ހަމަޖައްސާ އާންމު އުސޫލު ބަޔާންކޮށްދިނުމަށް ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ފިނިފެންމާ ލޯންޗުކޮޅުގައި އަދީބު އާރަށަށް ދަތުރުކުރީ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކަމާއި، ފަޅުވެރިން އެދުވަހު އެ ލޯންޗުކޮޅަށް އަރައިގޮސް މާލެއާދެވުމާ ހަމައަށް ލޯންޗުކޮޅު ދޫކޮށް ނުދާ ކަމާއި، އާރަށުގެ ފަޅުތެރޭގައި ލޯންޗުކޮޅު އޮތްވަގުތު މާލެ ފުރުމަށް ފިޔަވައި އެއްވެސް ވަގުތެއްގައި ލޯންޗުކޮޅަށް އަދީބު އަރާފައިނުވާކަން ސާތިތުކުރަން ތިން މީހަކު ވަނީ ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ.

އެ ތިން ހެކީންނަކީ:

  • މަޙްމޫދު އަބްދުއްސައްތާރު، މ. ދިއްގަރު ރެޑްހައުސް
  • މުހައްމަދު ސުޒައިލް، މަތިރަތްމާގެ، ހއ. ބާރަށް
  • އަބޫބަކުރު މުއާޒު، ލ. މާވަށް، ޒަމާނީއާކުލަ

އާރަށުގެ ފަޅުތެރޭގައި ލޯންޗުކޮޅު އޮތްވަގުތު މާލެ ފުރުމަށް ފިޔަވައި އެއްވެސް ވަގުތެއްގައި ލޯންޗުކޮޅަށް އަދީބު އަރާފައިނުވާކަން ސާބިތުކުރަން އިތުރު ދެ މީހެއް ވެސް އޭނާގެ ފަރާތުން ވަނީ ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ.

އެ ދެ މީހުންނަކީ:

  • އެމްއެންޑީއެފްގެ ސާޖަންޓު މޫސާ ޚަލީލް
  • އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓު ހަސަން ސަބާހު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ފިނިފެންމާ ލޯންޗުކޮޅުން ދަތުރުކުރުމުގެ ކުރިން ސެކިއުރިޓީ ކުލިއަރެންސް ހަދާފައިވާކަން ސާބިތުކުރުމަށްޓަކައި ތިން ސިފައިންގެ މީހެއްގެ ނަން ވަނީ ހުށަހަޅާފަ އެވެ.

އެ ތިން މީހުންނަކީ:

  • އެމްއެންޑީއެފްގެ ސާޖަންޓު ސިޔާދު އަބްދުލް ވާހިދު
  • އެމްއެންޑީއެފްގެ ކޯޕްރަލް ނަބީލް
  • އެމްއެންޑީއެފްގެ ކޯޕްރަލް ޖާދުﷲ އަހުމަދު

އެ ދައުވާ ސާބިތުކުރުމަށް ދައުލަތުން މިއަދު ވަނީ ހަ މީހެއް ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ. އޭގެތެރެއިން އެކަކު ހުށަހެޅީ ސިއްރު ހެއްކެއްގެ ގޮތުގައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އާރަށަށް ވަޑައިގަތުމަށް ފިނިފެންމާ ލޯންޗުކޮޅު ހަމަޖެއްސުމަށް އަދީބުގެ ފަރާތުން އެންގި ކަމާއި އާރަށަށް ވަޑައިގަތުމަށް މީގެކުރިން އަދީބު ފިނިފެންމާ ލޯންޗުކޮޅު ހަމަޖައްސާފައިނުވާކަން ސާބިތުކުރަން އެމްއެންޑީއެފްގެ ވޮރަންޓު އޮފިސަރު އަހުމަދު ޚަލީލްގެ ނަން ދައުލަތުން ވަނީ ހުށަހަޅާފަ އެވެ. އަދީ އޭނާގެ ހެކިބަހަށް ބާރުލިބޭ ހެއްކެއްގެ ގޮތުގައި އެމްއެންޑީއެފްގެ ސާޖަންޓު ފަސްޓު ކްލާސް އިސްމާއީލް މުއާޒުގެ ނަން ވަނީ ހުށަހަޅާފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ފިނިފެންމާ ލޯންޗުކޮޅުގައި އަދީބު އާރަށަށް ވަޑައިގަތް ކަމާއި އަދި އެނބުރި މާލެ ވަޑައިގަތްކަން ސާބިތުކުރަން ވެސް ދައުލަތުން ވަނީ ސިފައިންގެ ތިން މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ.

އެ ތިން މީހުންނަކީ:

  • އެމްއެންޑީއެފްގެ ސާޖަންޓު މޫސާ ޚަލީލް
  • އެމްއެންޑީއެފްގެ އެސްޕީޖީ ފަޅުވެރިއެއް ކަމުގައިވާ މުހައްމަދު ސުޒައިލް
  • އެމްއެންޑީއެފްގެ އެސްޕީޖީ ފަޅުވެރިއެއް ކަމުގައިވާ އަބޫބަކުރު މުއާޒު

އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރެއިން ބައެއް ހެކީންގެ ހެކިބަސް ނެގުން މިމަހުގެ 31 ވަނަ ދުވަހު އޮންނާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.