15 May 2016, 14:39
ދެއިރު އައްޒައުރު (މޭ 15): އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހިފާފައި އޮތް ސީރިއާގެ ދެއިރު އައްޒައުރުގެ ހޮސްޕިޓަލެއް އެ ގައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.
ސީރިއާގެ އަސްކަރިއްޔާގެ ކޮންޓްރޯލް ކުރާ ސަރަހައްދުގައި ހުރި އަލް އައްސަދު ހޮސްޕިޓަލަށް އައިއެސް އިން ވަދެ، އަސްކަރިއްޔާގެ 20 ސިފައިން މަރާލައި އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ބަލި މީހުންނާއި ބައެއް އާންމުން ހިފަހައްޓާފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.
އައިއެސް އިން ހިފަހައްޓާފައި ތިބި މީހުން ސަލާމަތް ކުރުމަށް އަސްކަރިއްޔާ އާއި އެޖަމާއަތާ ދެމެދު ކުރިއަށް ދިޔަ ހަމަލާ ބަދަލު ކުރުންތަކުގައި އައިއެސްގެ ހަ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ސީރިއާގެ ހާލަތު މޮނިޓާ ކުރާ ގްރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުންޏެވެ.
އައިއެސް އިން ވަނީ ދެއިރު އައްޒައުރު ޕްރޮވިންސުގެ ބޮޑު ބައެއް ހިފައިފަ އެވެ. އަދި އެ ޖަމާއަތުން މިހާރު ދަނީ އެ ޕްރޮވިންސުގައި ސަރުކާރުގެ ފައުޖުތަކުގެ ކޮންޓްރޯލުގައިވާ ސަރަހައްދުތައް ހިފުމަށް މަސައްކަތް ކުރަމުންނެވެ. (އަލްޖަޒީރާ)