15 May 2016, 14:22
މި އަހަރު ހައްޖުގެ އަޅުކަން ހިނގަމުންދާ ގޮތް ރޭޑިއޯ އަދި ޓީވީ މެދުވެރިކޮށް ކަވަރުކުރުމަށް ރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ދިން ހައްޖު ދަތުރަށް، ސަން ޓީވީގެ ހެޑް އޮފް ނިއުސް އެންޑް ކަރަންޓް އެފެއާސް، އިބްރާޙީމް ޒަކީ ހޮވުނުކަން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (އެމްބީސީ) އިން މިއަދު ނިންމައިފި އެވެ.
އެމްބީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހައްޖު ދަތުރަށް ބްރޯޑްކާސްޓަރަކު ހޮވުމަށް މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ގުރު ލުމުގައި ޖުމްލަ 11 ޗެނަލުން ބައިވެރިވި ކަމަށާއި އެ ދަތުރަށް ނަން ހުށަހެޅުމަށް ގުރުއަތުން ހޮވުނީ ސަން ޓީވީ، އެމްވީ ޓީވީ އަދި އަލްކައުން ކަމަށެވެ.
ގުރުއަތުން އެއް ވަނަ އަށް ހޮވިފައި ވަނީ ސަން ޓީވީ އެވެ. ސަން ޓީވީގެ ފަރާތުން ހުށަހެޅި ހުށަހެޅި ޒަކީއަށް އެ ފުރުސަތު ކަށަވަރުކޮށްދިނީ އެމްބީސީ އިން މިއަދު އެވެ.
ސައުދީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ގޮތުން އެ ފުރުސަތުދޭ މީހަކީ، ޕްރޮގްރާމް ނުވަތަ ހަބަރު ގެނެސްދިނުމުގައި މަސައްކަތްކުރާ ސީނިއާ ފިރިހެން މުވައްޒަފަކަށް ވުމުގެ އިތުރަށް ކުރިން ހައްޖެއްވެފައިވާ މީހެއް ކަމުގައި ނުވުމާއި އަދި 55 އަހަރުން ދަށުގެ މީހަކު ކަމަށް ވާން ޖެހެ އެވެ.
އެމްބީސީ އިން ވަނީ މިއަދު ޒަކީއާ ބައްދަލުކޮށް، ރާއްޖޭގެ ބްރޯޑްކާސްޓަރުން ތަމްސީލްކުރުމަށް ޒަކީ ހޮވުމުން އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ.
އެމްބީސީގެ ރައީސް މުހައްމަދު ޝަހީބާ ހަވާލާދީ އެ ކޮމިޝަނުގެ ބަޔާނުގައި ބުނީ މިއީ ބްރޯޑްކާސްޓިންގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކަށް ހައްޖުގެ ފުރުސަތު ހޯދައިދިނުމަށް އެ ކޮމިޝަނުން ކުރާ މަސައްކަތުގައި ލިބުނު އިތުރު ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ މިފަދަ ފުރުސަތެއް ރާއްޖޭގެ ކޮމާޝަލް ބްރޯޑްކާސްޓަރަކަށް ލިބުނު ދެވަނަ ފަހަރު ކަމަށެވެ.